ރާއްޖޭގެ ރަށްރަށުގައި ފެންބޮޑުވުމާއި ރަށް ގިރުމުގެ އިތުރު ކާރިޘާތަކުން ސަލާމަތް ކުރުމަށް، ކުޅިތަކާއި ގަސްގަހާގެހި ޙިމާޔަތްކުރަން އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ "ހިއުމަން ރައިޓްސް ވޮޗް"އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
އެ ޖަމްޢިއްޔާއިން މިގޮތަށް ގޮވާލާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް ގުދުރަތީ ވަޞީލަތްތަކާއި ޚާއްސަކޮށް ކުޅި، ފާ، އަދި ޗަސްބިންތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށާއި ހދ.ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ޙިމާޔަތްކުރުމުގެ މުހިއްމުކަން ހާމަކޮށް އެކަމާމެދު ޢަމަލީ ގޮތުން މިހާރުން މިހާރަށް ފިޔަވަޅުއެޅުމަށް ގޮވާލައި ނެރުނު ނޫސްބަޔާނެއްގައެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ ކުޅުދުއްފުށީގައި އެއާރޕޯޓެއް ތަރައްގީ ކުރުމަށް އެރަށުގެ ކުޅީގެ ބޮޑުބައެއް އިއާދަ ނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާކަން ފާހަގަކޮށްފައެވެ.
އަދި ދާދިފަހުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމާއެކު ތަރައްޤީޤެ ނަމުގައި ކުޅީގެ ބާކީ ދިރުން އިތުރަށް ހަލާކުކޮށްލުމަށް އިދާރާތަކުން ތައްޔާރުވަމުން އަންނަކަމަށް ޖަމްޢިޔާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި މިފަދަ ކުޅިތައް ހަލާކުކޮށްލައިފިނަމަ ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުންއަންނަ އިތުރު ރަށްތަކެއް ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާނެކަމަށާ، ފެންބޮޑުވުމާއި އިތުރު ކާރިޘާތަކަށް މަގުފަހިވެގެންދާނެކަމަށެވެ. އެހެންކަމުން ފެންބޮޑުވުމާއި، ސުނާމީއާއި ގުދުރަތީ އެހެނިހެން ކާރިޘާތައް ކުޑަކުރުމަށްޓަކައި ޤުދުރަތީގޮތުން އުފެދިފައިވާ ކުޅިފަދަ ތަންތަން ޙިމާޔަތްކުރަންޖެހޭކަން އެޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
އެ ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި 2018ގައި ކުޅުދުއްފުށީ ކުޅީގެ %70 ހަލާކުކޮށް އެއާރޕޯޓެއް ތަރައްގީ ކުރިފަހުން ކުޅުދުއްފުށި ސިޓީވަނީ އިތުރު ނުރައްކަލެއްގެ ތަރެއަށް ވެއްޓިފައެވެ.
މިގޮތުން 2019ގެ ޑިސެމްބަރު ފަހުކޮޅު ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ކުރިމަތިލާން ޖެހުމާއި މީގެ ސަބަބުން ގިނަ ގޭގެއަށް ބޮޑެތި ގެއްލުން ކުރިމަތި ވަމުން ދެއެވެ. ފެން ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ ކުޅީގެ ކައިރި ސަރަހައްދުތަކަށްކަން އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖެ 1200 ރަށަކީ ކަނޑުގެ ލޮނުގަނޑު އުސްވެއްޖެނަމަ ތިމާވެށީގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެންމެ ނާޒުކު އެއް ގައުމުކަން އެޖަމްއިއްޔާއިން ފާހަގަކުރެއެވެ.
ފެންބޮޑުވުމާއި، ރަށްގިރުމާއި، އަދި އެހެނިހެން ކާރިސާތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާއިރު، ކުޅިތަކާއި ފަރުތަކާކީ މިކަންކަމުން ސަލާމަތް ވުމަށް ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ އެއްމެ މުހިއްމު ގުދުރަތީ ވަސީލަތްތައްކަން އެ ޖަމްޢިއްޔައިން ފާހަގަކުރެއެވެ.