އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޗަކުން މޮޅުވާން ބޭނުންކަމަށް ބާސްކެޓް ޓީމްގެ ކޯޗް އިބްރާހިމް ނާހިދު ބުނެފިއެވެ. މިއަދު ބޯޅަގޭގައި ނޫސްވެރިންނާ ވާހަކަދައްކަމުން ނާހިދު ބުނީ ރާއްޖެއަށް އަދި މިފަދަ މުބާރާތްތަކުގައި ވާދަނުކެރެވޭނެކަމަށާ އެ ޓީމްތަކަކީ ރާއްޖެއަށްވުރެ މާ ފެންވަރު ރަނގަޅު ޓީމްތަކެއްކަމަށެވެ. އެހެންނަމަވެސް މި މުބާރާތުގައި މޮޅެއް ހޯދުމަށް މަސައްކަތްކުރާނޭކަމަށް ނާހިދު ބުންޏެވެ. މިއަހަރުގެ ކުރީކޮޅުން ފަށައިގެން ޓީމްގެ ފަރިތަކުރުންތަށް ކުރިޔަށްގެންދާއިރު ޤައުމީ ޓީމުގެ އުންމީދަކަށް ވެފައި އޮތީ ސަރަހައްދީ މުބާރާތަކުން މެޑަލް ހޯދުންކަމަށް ނާހިދު ބުންޏެވެ. އެގޮތުން ބާސްކެޓުން އެންމެ ބޮޑަށް އަމާޒު ހިފާފައި އޮތް އެއް މުބާރާތަކީ ސާބާ މުބާރާތެވެ. ނަމަވެސް ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފަހުން ބާއްވާގޮތަށް ހަމަޖެހިފައި އޮތް މުބާރާތް ވަނީ އަވަސްކޮށް، މި މަހުގެ ކުރީކޮޅު ބާއްވާފައެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ ރަނގަޅު ނަތީޖާތަކެއް ނެރެވިަފއިނުވާއިރު މިހާރު ބާސްކެޓް ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތް އޭޝިއަން ގޭމްސްއިން ރަނގަޅު ވަނައެއް ހޯދުންކަމަށް ކޯޗް ނާހިދު ބުންޏެވެ.އިންޑިއަން އޯޗަން އައިލެންޑް ގޭމްސްއަކީ ސައުތް އޭޝިއަން ގޭމްސްގައި ވަނައެއް ހޯދުމަށް މުހިންމު މުބާރާތަކަށް ވާނޭކަމަށް ކޯޗް ނާހިދު ގަބޫލްކުރެއެވެ. ނާހިދު ބުނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިއުމުގެ ކުރިން މެލޭޝިޔާ ނުވަތަ ތައިލޭންޑްގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.ޓީމްގެ ކެޕްޓަން މުޙައްމަދު ޒިލާލް ބުނީ ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވީ އެ ޓީމްތަކުގެ ފެންވަރު ނޭނގި ކަމަށާ އެކަމަކު މިފަހަރު ކުރިން އެ މުބާރާތުގައި ކުޅެފަ ތިބި ކުޅުންތެރިންވެސް އެބަ ތިބިކަމަށެވެ. އަދި ޓީމްގަ ތިބި ޒުވާން ކުޅުންތެރިންނަކީވެސް މޮޅެތި ކުޅުންތެރިންތަކެއްކަން ޒިލާލް ފާހަގަކުރިއެވެ.