ކުޅިވަރު

ލީގުގެ ފަސް ވަނަ އަށް ބީޖީ ޖެހިލައިިފި


އެއް ކުޅުންތެރިއަކު މަދުން ކުޅެމުންދިޔަ ކުލަބް
ވެލެންސިޔާގެ މައްޗަށް ކުރި ހޯދާ އުރީދޫ ދިވެހި ޕްރިމިއާރ ލީގްގެ ތަވާލްގެ ފަސްވަނައަށް
ބީޖީ ސްޕޯޓްސް ކުލަބް ޖެހިލައިފިއެވެ. ބީޖީ ލީގް ތާވަލްގެ ފަސްވަނައަށް ޖެހިލީ
ވެލެންސިޔާގެ މައްޗަށް ތިން ލަނޑު އެއް ލަނޑުން ކުރި ހޯދުމާ ގުޅިގެންނެވެ. 

މެޗް
ފެށިގެން މާގިނައިރުތަކެއް ނުވަނީސް ބީޖީ އިން ވަނީ ލީޑް ނަގާފައެވެ. މެޗްގެ
ތިންވަނަ މިނެޓްގައި މިލަނޑު ބީޖީ ސްޕޯޓްސް ކުލަބްއަށް ކާމިޔާބުކޮށްދިނީ
އެޓީމްއަށް ކުޅޭ ބިދޭސީ ފޯވާޑް ޑޭވިޑްއެވެ. މިލަނޑާއެކު ކުލަބް ވެލެންސިޔާއިންވެސް
ބީޖީގެ ގޯލްއަށް ނުރައްކާ ކުރަމުންދިޔައެވެ. ނަމަވެސް ބީޖީގެ ފޯވާޑް ޑޭވިޑްވަނީ
އިތުރު ލަނޑެއްޖަހާ މެޗްގެ ނަތީޖާ ދޭއް ސުމަކަށް ބަދަލްކޮށްލާފައެވެ.

 ކުލަބް
ވެލެންސިޔާއިން ކުޅުން ރަގަނޅުކޮށް ލަނޑުޖެހުމަށް ކުރި މަސައްކަތްކަށް ހިއްވަރެއް
ލިބިގެންދިޔައީ، މެޗްގެ އަށްޑިހަ ހަތަރުވަނަ މިނެޓްގައި އެޓީމްގެ ބިދޭސީ ފޯވާޑް
ހަންސްލީ އަވީލޯ ކާމިޔާބުކޮށްދިން ގޯލުންނެވެ. އެއް ގޯލްގެ ތަފާތުން ވެލެންސިޔާ
ބަލިވެފައި އޮއްވާ މެޗްގެ އަށްޑިހަ ހަވަނަ މިނެޓްގައި އެޓީމްގެ ރިލްވާންއަށް
ދެއްކި ރަތް ކާޑާ ގުޅިގެން ވެލެންސިޔާއިން މެޗުން މޮޅުވުމަށް
ކުރަމުންދިޔަ މަސައްކަތަށް އިތުރު ހުރަހެއް ކުރިމަތިވެގެންދިޔައެވެ. މެޗްގައި ބީޖީން
ޖެހި ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްދާންއެވެ.



މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބީޖީ ސްޕޯޓްސް
ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީބުނީ މިރޯދަމަހުގައި ބީޖީން ކުޅުނު ކޮންމެ
މެޗެއްގައިވެސް ވަރަށް ރަގަނޅަށް ކުޅުނުކަމަށް، ހާއްސަކޮށް މެޗަކަށް ފަހު މެޗެއް
ރަގަނޅު ކުރަމުންދިޔަ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މެޗުން ތިން ޕޮއިންޓް
ލިބުނީ ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށްވެސް ޝާޒްލީބުންޏެވެ.



ވެލެންސިޔާގެ ކޯޗް މުހައްމަދު އިގްބާލްބުނީ މެޗްގައި
ވެލެންސިޔާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިންހަމަޖެހޭކަމަށާ،
ނަމަވެސް މެޗެއްގައި ކިތަންމެ ވަރަކަށް ކުޅުނު ކަމުގައިވީނަމަވެސް ނަތީޖާ
ނުނެރެވޭކަމުގައިވާނަމަ، އެކުޅުމުގެ ބޭނުމެއް ނެތްކަމަށެވެ.



މިމެޗުން މޮޅުވުމާ ގުޅިގެން ބީޖީ ލީގް ތާވަލްގެ
ފަސްވަނައަށް ޖެހިލީ ހަ މެޗުން ލިބުނު އަށް ޕޮއިންޓްއާއެކު، އަދި
ވެލެންސިޔާއަށްވަނީ ހަ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ކުލަބް ވެލެންސިޔާ އޮތީ
ލީގް ތާވަލްގެ ހަތްވަނައިގައެވެ.