އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިމޭއިރު
އެންމެ ކާމިޔާބު ކުޅިވަރެއްގެ ގޮތުގައި ބެޑްމިންޓަން ވާނޭކަމުގެ ވަރަށްބޮޑު
އުއްމީދެއް އެބައޮތްކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު
ވިދާޅުވެއްޖެއެވެ.
އިންޑިއަންއޯޝަން އައިލެންޑް ގޭމްސްއަށް ބެޑްމިންޓަން
އެސޯސިއޭޝަނުން ވަމުން އަންނަ ތައްޔާރީއާ ގުޅޭގޮތުން އޮލިމްޕިކް ކޮމެޓީގައި މިއަދު
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވިދާޅުވީ މެޑަލްއަށް އަމާޒު ހިފާފައިވާ
ކުޅިވަރުތަކުގެ ތެރެއިން ބެޑްމިންޓަނަކީ އޭގެ އެއް ކުޅިވަރުކަމަށެވެ. ސީދާ ރަން
މެޑަލަށް އަމާޒުކޮށް މިމަސައްކަތްފެށީ ދެހާސް ތޭރަވަނަ އަހަރުކަމަށް މޫސަ ވިދާޅުވިއެވެ.
" ޝައްކެއްވެސް ނެތް މީ ބެޑްމިންޓަންގެ ތާރީޚްގައިވެސް މިހާތަނަަށް ގޭމްސްއަކަށް އެންމެ ރަނގަޅަށް ޓީމް ތައްޔާރުވާ ފަހަރު. މިހާ ދިގު މުއްދަތެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި މެދު ނުކެނޑި ކުޅުންތެރިންތަކަކަށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުނު ފަހަރު ކަމަށްވާތީ، ހަމަޔަޤީނުންވެސް މީ އެންމެ ރަނގަޅަށް ތައްޔާރުވެވުނު ފަހަރު. " މޫސަ ވިދާޅުވިއެވެ.
ކުޅުންތެރިންގެ ތަމްރީނުތައް ފުރަތަމަ ކުރިޔަށް ގެންދިޔަގޮތުން އޭރު އުއްމީދުކުރީ
ހަމައެކަނި ޓީމް އިވެންޓުން މެޑަލް ހޯދުމަށްކަމަށާއި ނަމަވެސް މިހާރު ވަކިވަކި
ކުޅުންތެރިންގެ ފަރާތުންވެސް މެޑަލެއް ލިބޭނެކަމުގެ އުއްމީދު ކުރާކަމަށް މޫސަ ވިދާޅުވިއެވެ.
" އަޅުގަނޑުމެން ފުރަތަމަ ސްޓާޓްކުރީ ފުރަތަމަ ހަމަ ޓީމް އިވެންޓުން ނަތީޖާ ހޯދުމަށް. އެހެން ނަމަވެސް ތަމްރީނުތައް ވަކި ހިސާބަކަށް ދިއުމުން އެހެން އިވެންޓްތަކުގެ ފުރުޞަތުވެސް އޭގެތެރެއިން ފެނިގެންދިޔަ. އެގޮތުން މިހާރު އަންހެންޓީމާއި ފިރިހެން ޓީމްގެ އިތުރުން އިންޑިވިޖުއަލް އިވެންޓުން އަޅުގަނޑުމެން އުއްމީދުކުރަނީ މިފަހަރު އެންމެ ކުޑަމިނުންވެސް ފައިނަލާ ހަމަޔަށް ދަތުރު ކުރެވޭނެކަމަށް. އޭގެތެރެއިންވެސް ބައެއް އިވެންޓްތަކުގެ ޗެމްޕިއަންކަން ހޯދޭނެކަމަށް. " މި ބައްދަލުވުމުގައި މޫސަ ވިދާޅުވިއެވެ.
ތަފާތު ޤައުމުތަކުން ބެޑްމިންޓަން ކުޅުންތެރިން ތަމްރީނު ހޯދަމުން އަންނައިރު މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ވަނަތަކެއް އެކުޅުންތެރިން ހޯދަމުން އަންކަމަށް މޫސަވިދާޅުވިއެވެ. ހަމައެހެންމެ ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަކީ އެކަމުގައި ވަރަށްބޮޑު ޕްރެޝަރެއް އޮތްކަމެއް ކަމަށާއި އެޕްރެޝަރ ކުޑަކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުން އަންކަމަށެވެ.
ބެޑްމިންޓަން ޓީމްގެ ދެ ޖިންސުގެ ކުޅުންތެރިންވެސް މިވަގުތު ތަމްރީނު ހޯދަމުން އަންނަނީ މެލޭޝިޔާއިންނެވެ.