އައްޑޫ ނޭޗާރ ޕާކްގެ ބެލުމުގެ ދަށުގައިވާ ޑައިވް ޕޮއިންޓް ތަކުން ފީ ނެގުމަށް ނިންމައި މިކަމުގެ ބައެއް މަސައްކަތް ފަށައިފިއެވެ.
އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ "އީޕީއޭ" އިން މަޢުލޫމާތު ދޭގޮތުގައި މިކަމާބެހޭ ޤަވާޢިދު ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި އަންނަ އަހަރު މިޤަވާއިދަށް ޢަމަލް ކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އީޕީއޭ އިން ބުނެއެވެ. މިފަދަ ޤަވާއިދެއް ހެދުމުން މިތަން ބެލެހެއްޓުމަށާއި، އެތަނުންދޭ އެކިއެކި ޚިދުމަތްތަކުން ފީނެގުމާއި އެތަން ބެލެހެއްޓުމުގެ މަސައްކަތަށް ފަސޭހަ ވެގެންދާނެކަން އީޕީއޭ އިން ފާހަގަ ކުރެއެވެ. އެމުއައްސަސާއިން ބުނީ މިތަނުން ނަގާނެ ފީ މިހާރު ކަނޑައެޅިފައިވާ ކަމަށާއި ފަހުގެ ތާރީޚެއްގައި މި އަގުތައް ހާމަ ކުރާނެ ކަމަށެވެ.
ޑައިވިން ޕޮއިންޓްތަކުން ފީނަގަން ތައްޔާރުވަމުން ދިޔަނަމަވެސް "އައްޑޫ އީދިގަލި ކިޅި" ހިމެނޭ ސަރަޙައްދުގައި އީކޯ ޓޫރިޒަމަށް ޚާއްޞަ ކޮށްގެ ތަރައްޤީ ކޮށްފައިވާ ނޭޗަރޕާކުން މީގެ ކުރިން ބައެއްކަހަލަ ފީތައް ނަގަން ވަނީ ފަށާފައެވެ. މިގޮތުން އެތަނަށް ވަނުމުގެ ފީގެ ގޮތުގައި ދިވެއްސެއްގެ އަތުން 5 ރުފިޔާ ނަގަމުން އަންނައިރު ފަތުރުވެރިންގެ އަތުންވެސް ފައިސާ ނަގައެވެ. އަދި ފަތުރުވެރިންގެ އަތުން ނަގާ މިންވަރު ދިރާސާ ކުރަމުންދާ ކަމަށް ، ނޭޗަރޕާރކް ބަލަހައްޓާ ފަރާތުން މަޢުލޫމާތު ދެއެވެ. މިޕާކްގައި ދިވެހިނަށް ޚާއްޞަ 100 ރުފިޔާގެ ޕެކޭޖް ހިމެނެއެވެ.
ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ފަރުޙަތު ޢަލީ ވިދާޅުވީ، ޑައިވް ޕޮއިންޓް ތަކުން ފީގެ ގޮތުގައި ނަގާނެ މިންވަރެއް ކަނޑައެޅުމާމެދު ކަމާބެހޭ ދާއިރާ ތަކުގެ މެދުގައި މަޝްވަރާ ކުރަމުންދާކަމުގައެވެ.
ނޭޗަރޕާކްބަލަހައްޓާ ފަރާތުން މިހާރުވަނީ އެތާގެ ޑައިވިން ސަރަޙައްދު ބެލެހެއްޓުމަށް މީހުން ކަނޑައަޅައި އެތަން ބެލެހެއްޓުމުގެ މަސައްކަތް ފަށާފައެވެ. އެސަރަހައްދުގައި ޙަރަކާތްތެރިވާ ފަރާތްތަކުން، އެމާޙައުލަށް ގެއްލުންވާ ކަހަލަ އަމަލެއް ކުރާނަމަ އެތަން ބަލަހައްޓާ މީހުން އެކަމެއް ހުއްޓުވާނެ ކަމަށާ ރެންޑަމްކޮށްވެސް ޗެކް ކުރާނެކަމަށް ނޭޗާރ ޕާކުން ބުނެއެވެ.
މި ނޭޗަރ ޕާކްގެ ބެލުމުގެ ދަށުގައި ޑައިވް 2 ސައިޓެއް އޮވެއެވެ. އެއީ ބްރިޓިޝް ލޯޔަލްޓީ ސަރަހައްދާއި، އައްޑޫގެ މަންތާ ޕޮއިންޓެވެ. އައްޑޫގެ މަންތާ ޕޮއިންޓަކީ ހުރިހާ ދުވަސްވަރެއްގައިވެސް މަޑި ފެންނަ ސަރަހައްދެކެވެ.
މިދެސަރަޙައްދު އީޕީއޭއިން ޙިމާޔަތް ކޮށްފައިވަނީ، 2018 ވަނަ އަހަރު އޮކްޓޫބަރ މަހުއެވެ. ހިމާޔަތް ކޮށްފައިވާ ސަރަހައްދުގައި، ފީނުމަށާއި، މޫދުގެ އެހެނިހެން ޙަރަކާތްތައް ހިންގުމުގައި އެ ސަރަޙައްދުގެ މާޙައުލަށާއި ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އީޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.