ގަން އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގައި ހިމެނޭ އެސް.ޓީ.އޯގެ ހިއްސާތައް ދޫކޮށްލަން އެކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯއިން ބުނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގައި ހިމެނޭ އެސްޓީއޯގެ 10 އިންސައްތަ ހިއްސާ ދޫކޮށްލުމަށް އެކުންފުނިން މިހާރު ނިންމާފައިވާކަމަށެވެ. ނަމަވެސް މިގޮތަށް ނިންމި ސަބަބެއް އެސްޓީއޯއިން އަންގާފައިނުވާކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން މައުލޫމާތުދެެއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގައި އޮތް އެސްޓީއޯގެ ހިއްސާ ދޫކޮށްލާފައިވާއިރު އެސްޓީއޯއިން ދަނީ އެެހެން ކުންފުނިތަކުގައި ހުރި އެކުންފުނީގެ ޙިއްޞާތައް ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެސްޓީއޯއިން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ އެކުންފުނީގެ ހިއްސާ، އޭ.އައި.އޭގެ މައި ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެކުންފުނީގެ ހިއްސާ އަގު ކުރާނީ، އެކުންފުނީގެ ހިސާބުތަކުގައި ހިއްސާ އަގު ކުރެވިފައިވާ އަގަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.
އޭއައިއޭ އަކީ 2011 ވަނަ އަހަރު ދިވެހި ސަރުކާރާއި އެއާޕޯޓު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެސްޓީއޯ އެކުވެ ހަދަފާއިވާ ލިމިޓެޑް ލަޔަބިލިޓީ ކުންފުންޏެކެވެ. އެސްޓީއޯގެ ހިއްސާގެ ގޮތުގައި އޭއައިއޭގައި ހިމެނެނީ މޫނުމަތި އަގު ކަމުގައިވާ 1000 ރުފިޔާގެ 40000 ހިއްސާއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ އެސްޓީއޯއިން ދޫކުރުމާއި އެކު މިހާރު ކުންފުނި އެކުލެވިގެން ވަނީ ދިވެހި ސަރުކާރުގެ 60 އިންސައްތަ ހިއްސާއާއި އެމްއޭސީއެލްގެ 10 އިންސައްތަ ހިއްސާ އަދި އަމިއްލަ ކުންފުންޏެއް ކަމަށްވާ ކާސާ ހޯލްޑިންގްސްގެ 30 އިންސައްތަ ހިއްސާއާއެކުގައެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއް ހިއްސާދާރު ހިއްސާ ދޫކޮށްލަން ނިންމި އިރު އެކުންފުނީގެ ދަށުން ހިންގާ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ކޮންސަލްޓެންޓެއްގެ ލަފާ ހޯދަމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.