ވިޔަފާރި

"ފޭމް" ޓްރިޕެއްގައި ފްރާންސްގެ މީޑިއާ ޓީމެއް ރާއްޖެއަށް


ރާއްޖޭގެ ލަގްޒަރީ އަދި ޤުދުރަތީ މުއްސަދިކަން ފަރަންސޭސިވިލާތުގެ މާރކެޓުގައި އިޝްތިހާރު ކުރުމަށްޓަކާ އެޤައުމުގެ ނޫސްވެރިންތަކެއް ރާއްޖެ ގެނެސްފިއެވެ.

މިއީ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ދިވެހި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިޔަށް ގެންދާ ފެމިލަރައިޒޭޝަން ޓްރިޕްތަކުގެ ތެރެއިން ކުރިޔަށް ގެންދާ މިފަދަ ތިން ވަނަ ދަތުރެވެ.

"ނޭޗާޒް ޗީކް" ތީމްގެ މައްޗަށް ކުރިޔަށްގެންދާ ފެމިލަރައިޒޭޝަން ދަތުރުގައި ބައިވެރިވާ ޓީމުގައި ފްރާންސްގެ އޯބް.ޑޮޓްކޮމް، މިންޓް މެގަޒީން، ސިންޕަލް ތިންގްސް، ލިޖާނަލްޑިސްފެމިސް ޑޮޓް ކޮމް އަދި ޕެރިސް މާއާގެ ނޫސްވެރިން ހިމެނެއެވެ. އެމްއެމްޕީއާރުސީން ބުނީ މިދަތުރުގެ ތެރެއިން މިނޫސްވެރިން ރާއްޖޭގައި ތަޖުރިބާ ކުރާ ކަންތައްތަކުގެ މައްޗަށް އާޓިކަލްތައް ލިޔާނެކަމަށެވެ.

ރާއްޖޭގައި މިޓީމް ހޭދަކުރާ ހަދުވަހުގެ ތެރޭގައި ހުރުމަށް ހަމަޖެހިފައިވަނީ ޕުލްމަން މޯލްޑިވްސް މާމުޓާ، ދިގަލި މޯލްޑިވްސް އަދި ދާރުފުށި މޯލްޑިވްސް ރިޒޯޓުގައެވެ. އަދި މި ދަތުރުގައި ކޮންމެ ރިޒޯޓަކުން ލިބެންހުރި ތަފާތު ހިދުމަތްތައް މި ޓީމުން ތަޖުރިބާކުރާނެކަމަށެވެ. އެގޮތުން ސްޕާއާއި، ޔޯގާގެ ތަޖުރިބާގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ރީތިކަން ބަލައިލުމަށް މެރިން ބަޔޮލޮޖިސްޓަކާއެކު ސްނޯކްލްވެސް ކުރާނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

ފަރަންސޭސިވިލާތަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. މިދިޔަ އަހަރު ފަރަންސޭސިވިލާތުން ރާއްޖެ ވަނީ 59،738 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު، 18.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް އެ ޤައުމުން ވަނީ 6955 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަރަންސޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް އެމްއެމްޕީއާރުސީން މިއަހަރު ކުރިޔަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން ބޮޑު ދެ ފެއާރގައި ބައިވެރިވުމުގެ އިތުރުން އައުޓްޑޯ އެޑްވަޓައިޒިން ހަރަކާތްތަކާއި ފްރާންސްގެ އެންމެ ބޮޑު އެއް ޓުއާ އޮޕަރޭޓަރާއެކު ޖޮއިންޓް ކެމްޕެއިނެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.