ފާއިތުވި 28 އަހަރުގެ ތެރޭގައި ލޯނު އެހީގައި މަތީ ތަޢުލީމް ހާސިލްކުރި ފަރާތްތަކުގެ ތެރެއިން އެއްގޮތަކަށްވެސް އެ ފައިސާ އަނބުރާ ނުދައްކާ ފަރާތްތައް އެބަތިބިކަމަށް މިނިސްޓަރ އޮފް ހަޔރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ، ލޯނު ފައިސާ އެއްގޮތަކަށްވެސް ނުދައްކާ މީހުންނާއި ލޯނު އެއްބަސްވުމާއި އެއްގޮތަށް ޤަވާއިދުން ފައިސާ ނުދައްކާ މީހުންވެސް އެބަތިބި ކަމަށެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެފައިސާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ވާގޮތުން އެކި ދުވަސްވަރު މަތިން މަތީ ތަޢުލީމަށް ދޫކުރި ލޯނުގެ 114 މިލޔަން ރުފިޔާ ލިބިފައިނުވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މަތީ ތަޢުލީމަށް ސަރުކާރުން ދޫކުރި ލޯބުތަކުގެ ތެރެއިން މިހާތަނަށް ދަޢުލަތަށް ލިބިފައިނުވާ ފައިސާ ހޯދުމަށްޓަކައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްތަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން މިހާތަނަށް ދަޢުލަތަށް ލިބިފައިނުވާ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެކި ދުވަސްވަރު މަތިން ސަރުކާރުގެ ޚަރަދުގައި ކިޔަވާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ގޮތަކަށް ފައިސާ ނުދައްކާ ފަރާތްތައް ތިބިކަމަށެވެ. އަދި މިހާރުވެސް ފައިސާ ޤަވައިދުން ދައްކަމުންދާފަރަތްތައް ތިބިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ފައިސާ ދެއްކުމަށް ހަނދާންކޮށްދެއްމުން މިދަނީ . މިގޮތުން އެއްގޮތަކަށްވެސް ފައިސާ ނުދައްކާ ފަރާތްތަކަށް ހަނދާންކޮށްދިނުމުގެ ގޮތުން ސިޓީތައް ފޮނުވާފައިވާނީ."މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަނަ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވިއެވެ.
1990 ވަނަ އަހަރުން ފެށިގެން 2018ގެ ނިޔަލަށް، އެއް ހާސް އެއްސަތޭކަ ފަސްދޮޅަސް ހަ ދަރިވަރަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ވަނީ ލޯނު ދޫކޮށްފައެވެ. މިގޮތުން ލޯނުގެ ގޮތުގައި އެއް ސަތޭކަ ސާޅިސް މިލިއަން އަށްޑިހަ ނުވަ ހާސް ނުވަ ސަތޭކަ ތިރީސް ފަސް ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައވެއެވެ.
އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ރިޕޯޓެއްގައި ވަނީ ފައިސާގެ ހިސާބުތައް ބަލަހައްޓާފައި ނެތުމުން ލިބެންޖެހޭ ފައިސާ އާއި ފައިސާ ނުދައްކާ ހޭދަވި މުއްދަތު ފަދަ މުހިންމު މައުލޫމާތު ކަށަވަރު ނުކުރެވޭ ކަމަށެވެ. އަދި ދަޢުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.
އެގޮތުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށްވެސް އެ ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދާދިފަހުން އެކުލަވާލި އުސޫލު ގައިވެސް ވަނީ ލޯނުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާތައް ނުދައްކައިފިނަމަ އެ ފައިސާ ދެއްކުމަށް އަންގައި އަދި ވަކި މުއްދަތަކަށް މިފަދަ ފުރުޞަތުތަކުން މަހުރޫމް ކުރުމަށް ނިންމާފައެވެ.