ވިޔަފާރި

ކަލިނަރީ އޮލިމްޕިކްސްއިން މެޑަލް ހޯދި ޝެފުންނަށް ހޫނު މަރުހަބާއެއް


ޖަރުމަނުވިލާތުގައި ކުރިޔަށްދިޔަ ކަލިނަރީ އޮލިމްޕިކްސްގައި ރަންވަނަތަކެއް ހޯދި ދިވެހި ޝެފުންނަށް ރާއްޖެއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މިއީ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. ރާއްޖެއިން ވަނީ މި މުބާރާތުގައި ރަން މެޑަލަކާއި ރިހި މެޑަލްއެއް ހޯދާފައެވެ.

ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު އެއް މުބާރާތް، ކަލިނަރީ އޮލިމްޕިކްސްގައި މި އަހަރު ރާއްޖެއިން ވާދަކޮށްފައިވަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ތަޖުރިބާކާރު 2 ޝެފުންކަމަށްވާ ޖޫދީ ޚާލިދު އަދި އަބްދުލްރަޝީދުއެވެ. މި ދެ ޝެފުން ވަނީ އަމިއްލަ ގޮތުން މުބާރާތުގައި ބައިވެރިވެ، ވެޑިން ކޭކު ކެޓަގަރީން 2 މެޑަލް ހޯދާފައެވެ. މިގޮތުން މިކެޓަގަރީން ޝެފް ޖޫދީ ޚާލިދު ރަން މެޑަލް ހޯދާފައިވާއިރު، ޝެފް އަބްދުލްރަޝީދު ވަނީ ރިހި މެޑަލް ހޯއްދަވާފައެވެ.

ކަލިނަރީ އޮލިމްޕިކްސްގައި ހޯދި ކާމިޔާބަށްފަހު މި ދެބޭފުޅުން ރާއްޖެއަށް އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީ.އައި.ޕީ ލައުންޖުގައި
ޝެފް ގިލްޑް މޯލްޑިވްސްގެ ފަރާތުންނާއި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ފަރާތުން ވަނީ މަރުޙަބާ ކިޔުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތްއިރު، އެމަނިކުފާނު ވަނީ ދިވެހި ޝެފުން ހޯދި ކާމިޔާބީ ފާހަގަކޮށް، އެ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ހިތްވަރުދެއްވާފައެވެ.

ޝެފް ޖޫދީ ޚާލިދު އަދި ޝެފް އަބްދުލްރަޝީދު ވަނީ ލިބުނު ކާމިޔާބީއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކާއެވެ. އެގޮތުން ކަލިނަރީ އޮލިމްޕިކްސްގައި ލިބުނީ ބޮޑު ކާމިޔާބީއެއްކަމަށް ޝެފުން ފާހަގަކުރިއެވެ.

މިމުބާރާތަކީ ޖަރުމަނުވިލާތުގައި ބާއްވާ ވޯލްޑް ޝެފްސް ވިލެޖުގެ ތެރެއިން ކުރިޔަށްގެންދިޔަ މުބާރާތެކެވެ. ވޯލްޑް ޝެފްސް ވިލެޖުގައި ޝެފް ގިލްޑް މޯލްޑިވްސްގެ ޓީމެއް ވަނީ ބައިވެރިވެ، ދިވެހި ކެއުމުގެ ރަހަތައް ދައްކާލާފައެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް ނޫރައްދީން ވިދާޅުވީ 2024 ވަނަ އަހަރުގެ ކަލިނަރީ އޮލިމްޕިކްސްއަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ ގައުމީ ޝެފުންގެ ޓީމެއް ބައިވެރިކުރުމަށް ވިސްނަމުންދާކަމަށެވެ.

ކަލިނަރީ އޮލިމްޕިކްސްއަކީ ކޮންމެ ހަތަރު އަހަރަކުން ބާއްވާ ހަރަކާތެކެވެ. ވޯލްޑް ޝެފްސް ވިލެޖު އާއި ކަލިނަރީ އޮލިމްޕިކްސް ބާއްވަމުންދާއިރު، 30 ވަނަ އިންޓާގޭސްޓްރާ އިންޓަރނޭޝަނަލް ޓްރޭޑް ޝޯވވެސް ވަނީ ބާއްވާފައެވެ.

ޖަރުމަނުވިލާތުގައި ކުރިޔަށްދިޔަ 25 ވަނަ ވޯލްޑް ޝެފް ވިލެޖް އަދި ކަލިނަރީ އޮލިމްޕިކްސްއަކީ ދުނިޔޭގެ ފެންވަރުގައި ކަލިނަރީ ދާއިރާއިން ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މިހަރަކާތުގައި 1400 އެގްޒިބިޓަރުންނާއި 2000 ޝެފުން ބައިވެރިވާއިރު، 70 އަށްވުރެ ގިނަ ޤައުމަކުން އެއް ލައްކައަށްވުރެ ގިނަ މީހުން ކަލިނަރީ އޮލިމްޕިކްސްއަށް ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ.