އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެމްއާރްއައި މެޝިން ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް މައުލޫމާތު ދެމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އޮފިޝަލަކު ވިދާޅުވީ އެމްއާރްއައި މެޝިން ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި އަދި މިހާރު ކުރިއަށް ދަނީ މެޝިން ބޭނުން ކުރަން ފެށުމުގެ ކުރީން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލައި ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން މުވައްޒަފުން އެކަމަށް އަހުލުވެރިކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.
އޭއީއެޗް އިން ވިދާޅުވީ، މިފެށޭ މާޗުމަހުގެ ތެރޭގައި އެމެޝިން ބޭނުންކޮށްގެން އެމްއާރްއައި ހެދެން ފެށޭނެ ކަމަށެވެ. ނަމަވެސް ޙިދުމަތް ފެށޭނެ ސީދާ ތާރީޙެއް ހޮސްޕިޓަލުން ހާމައެއް ނުކުރައްވައެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި އައްޑޫގައިވެސް ބަހައްޓަނީ މާލޭގެ އައިޖީއެމްއެޗުގައި ބޭނުންކުރަމުން އަންނަ 1.5 ޓެސްލަރގެ ސްކޭނާރއެއްކަމަށެވެ. މިޙިދުމަތް ފެށިގެން ދިއުމާއި އެކު، އިކުއެޓޯރިއަލް ހޮސްޕިޓަލް ވެގެން ދާނީ މާލޭ ސަރަހައްދުން ބޭރުގައި އެމްއާރްއައިގެ ޙިދުމަތް ދެވޭ ފުރަތަމަ ހޮސްޕިޓަލަށެވެ.
އެމްއާރްއައި ޙިދުމަތުގެ އިތުރުން އެހޮސްޕިޓަލުން ކޮންޓްރާސްޓް ސީޓީ ސްކޭން ޙިދުމަތްވެސް މިދިޔަ ހަފްތާ ތެރޭގައި އެހޮސްޕިޓަލްގައި ވަނީ ފަށާފައެވެ.