ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށްޓަކައި އިތުރު 2 ލޯން ސްކީމެއް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނިމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މި ދެ ލޯން ސްކީމް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވަނީ ގެޓްސެޓް ލޯން ޕްރޮގްރާމުން ލޯން ލިބޭ ފަރާތްތައް އިޢުލާން ކުރުމަށް އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ ހަފްލާގައެވެ.ވެލާނާގޭ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރުގެ ނައިބު އާދަމް ތައުފީގް ވިދާޅުވީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށްޓަކައި ތައާރަފްކުރުމަށް ހަމަޖެހިފައިވާ މި 2 ލޯން ސްކީމުން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިކޮނޮމިކް މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހަޅައިގެން ކަމަށާއި، މިދެސްކީމުން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށާއި، މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރެވޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ އަލަށް ފެށުމަށް ހަމަޖެހިފައިވާ މި 2 ސްކީމަކީ، ކުދި ފަންތި އަދި މެދު ފަންތީގެ ވިޔާފާރީގެ ޤާނޫނުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކޮންމެ އަހަރަކު ލޯންގެ ގޮތުގައި ދޫކުރެއްވުމަށް ޝަރުތުކުރާ 50 މިލިއަން ރުފިޔާގެ ތެރެއިން ދޫކުރައްވާ ލޯން ސްކީމެއް ކަމަށެވެ. އަދި މިއީ ބޭންކް އޮފް މޯލްޑިވްސްއާއި، ގުޅިގެން ޝަރިއާއެއްގޮތަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ސްކީމެއް ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން ފާހަގަ ކުރެއްވި ގޮތުގައި މިހުރިހާ ލޯނެއްވެސް ބޭސްވެފައި ވަނީ ހުށަހަޅާ ޕްރޮޕޯސަލް ތަކަށް ކަމަށާއި، އެހެން ކަމުން ވީހާވެސް ރަނގަޅަށް ޕްރޮޕޯސަލްތައް ތައްޔާރު ކުރުން މުހިއްމުކަމަށެވެ. އަދި ޕްރޮޕޯސަލްތައް ތައްޔާރު ކުރުމަށް ބޭނުންވާ ޓްރެނިންގ އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހިންގާ ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރ ތަކުން ކުރިއަށް ގެންދާ ޓްރެއިނިންގ ތަކުން ލިބޭނެ ކަންވެސް ފިރުޝާން ވިދާޅުވިއެވެ.
ނޫސްވެރިންގެ މިބައްދަލްވުމުގައި ގެޓްސެޓް ލޯނުގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވީ ގެޓްސެޓް ލޯން ޕްރޮގްރާމަށް ފޮނުވާފައިވާ ފައްސަތޭކަ އެއްހާ ޕްރޮޕޯސަލް ތަކުގެ ތެރެއިން 250 ޕްރޮޕޯސަލް ޝޯޓް ލިސްޓް ކުރެވިފައިވާ ކަމަށާއި، ޝޯޓް ލިސްޓް ކުރެވިފައިވާ ފަރާތްތަކާއި އިންޓަރވިއު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި އިންޓަރވިއު އިން އެއްމެ މަތިން ސްކޯރ ކުރާ ފަރާތް ތަކަށް ލޯން ދިނުމަށް ހަމަޖެހިފައިވާ ކަމަށް މަހީލް ވިދާޅުވިއެވެ.
ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފައްޓަވާފައިވާ 'ގެޓްސެޓް' ޕްރޮގްރާމުން 5 އަހަރު ދުވަހުގެ ތެރޭ ކޮންމެ އަހަރަކުވެސް 40 މިލިއަން ރުފިޔާގެ ލޯން ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ގެޓްސެޓް ޕްރޮގްރާމަށް 5 އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާއެވެ.