ވިޔަފާރި

ކޯވިޑް-19: ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާއިރު ފެންވަރު އަންގައިދޭ ލިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސަައިފި


ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗަށް ހުއްދައަށް އެދޭއިރު އެތެރެކުރާ ތަކެތީގެ ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ޢިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް، "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު"ގެ ދަށުން މިހާރު މިމިނިސްޓްރީއިން ދޫކުރަމުންދާ މެޓީރިއަލް އެޕްރޫވަލް ހުއްދަ ދޫކުރުމުގައި މިޙާލަތުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ 24ވަނަ ދުވަހާއި އަންނަ މަހުގެ 24ވަނަ ދުވަހާއި ދެމެދު ރާއްޖެއަށް އެތެރެކުރާ، "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު" ގައި ބަޔާންކުރާ ތަކެއްޗަށް ހުއްދައަށް އެދޭއިރު އެތެރެކުރާ އެތަކެތީގެ ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.

އަދި ފަންނީ ލިޔެކިޔުންތައް ފިޔަވައި އެހެނިހެން ލިޔެކިޔުންތައް ހުއްދައަށް އެދި ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށާއި މިގޮތަށް ފޯމު ހުށަހެޅުމުން އެލިޔެކިޔުންތަކަށް ބަލައި ތަކެތި އެތެރެކުރަން ވަގުތީ ހުއްދައެއް ދޫކުރާނެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ހާމަކުރެއެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް އޮންލައިންކޮށް ހުށަހެޅުމަށާއި އިތުރު މަޢުލޫމާތު އެ މިނިސްޓްރީއަށް އީމެއިލް ކުރުމުން ލިބެނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޯވިޑް-19" އިން ރައްކާތެރިވުމަށްޓަކައި އަޅމުންދާ ފިޔަވަޅުތަކާއެކު ދުނިޔޭ ގިނަ ޤައުމު ތަކުގައި ކުއްލި ޙާލަތު އިޢުލާންކޮށްފައިވާތީ ދަތުރުފަތުރު ކުރުމަށާއި އެއް ޤައުމުން އަނެއް ޤައުމަށް ޢިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތި ގެންދިއުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައެވެ.