ވިޔަފާރި

ކޯވިޑް-19 : އެމް.އައި.ބީއިން ފައިނޭންސިންގ ފެސިލިޓީ ނަގާފައިވާ ފަރާތްތަކަށް ލުއިގޮތްތަކެއް


އިސްލާމިކް ބޭންކުގެ ވިޔަފާރިއާއި ގުޅޭ އެކިއެކި ފައިނޭންސިންގ ފެސިލިޓީތައް ނަގާފައިވާ ފަރާތްތަކާއި ގެދޮރު އިމާރާތް ކުރުމަށާއި ގަތުމަށް ފައިނޭންސިންގ ނަގާފައިވާ ފަރާތްތަކަށް ލުއިތަކެއް ހަމަޖައްސައިދިނުމަށް އެ ބޭންކުން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމިކް ބޭންކުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ސަބަބުން އިޤްތިޞާދީގޮތުންނާއި މާލީ ގޮތުން ދަތިތަކާއި ކުރިމަތިވެފައިވާ އިސްލާމިކް ބޭންކުގެ ވިޔަފާރި އާއި ގުޅޭ އެކިއެކި ފައިނޭންސިންގ ފެސިލިޓީތައް ނަގާފައިވާ ކަސްޓަމަރުންނަށާއި، އަދި ގެދޮރު އިމާރާތް ކުރުމަށާއި ގަތުމަށް ފައިނޭންސިންގ ނަގާފައިވާ ފަރާތްތަކަށް އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެމްއައިބީގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް، "ކޯވިޑް- 19 ބިޒްނަސް ސަޕޯރޓް އެޕްލިކޭޝަން ފޯމް" ފުރުމަށްފަހު އެކަމަށް ޚާއްސަކޮށްފައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ.

އެމްއައިބީއަށް އެޕްލިކޭޝަން ފޯރމް ލިބުމުން، ބޭންކުގެ ބިޒްނަސް ޓީމުން އެފަރާތަކާއެކު މަޝްވަރާކޮށް އަދި އިންޓަރނަލް އެސެސްމަންޓެއް ހެދުމަށްފަހު އެންމެ އެކަށޭނަ ލުއި ގޮތެއް ހަމަޖެއްސުމަށް މަސައްކަތްކުރާނެ ކަމަށް އެމްއައިބީން ހާމަކުރެއެވެ. ކޯވިޑް ސަޕޯރޓް އެޕްލިކޭޝަން ފޯރމް އެމްއައިބީގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ.

އެމްއައިބީގެ ކަސްޓަމަރުންގެ ތެރެއިން ކޯވިޑް-19ގެ ސަބަބުން އިޤްތިސާދީގޮތުންނާއި މާލީ ގޮތުން ދަތިތައް ދިމާވެފައިވާ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއިއެކު މަސައްކަތްކުރަމުންދާކަމަށްވެސް އެ ބޭންކުން ބުނެއެވެ.

އިސްލާމިކް ބޭންކުގެ ކޮންސިއުމަރ ފައިނޭންސިންގ ފެސިލިޓީތަކާއި ޓްރޭޑް މުރާބަޙާ ފައިނޭންސިންގ ފެސިލިޓީ ނަގާފައިވާ ފަރާތްތަކުގެ ތެރެއިންވެސް އެހީ ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ދެވޭނެ ގޮތްތަކެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ބޭންކުން ހާމަކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަމުގެ މަޢުލޫމާތާއި، އަދި އަމަލުކުރައްވަންވީ ގޮތް އާންމުކޮށް އިޢުލާން ކުރާނެކަމަށްވެސް އެމްއައިބީން ހާމަކުރެއެވެ.