ޚަބަރު

ކުރިން ކުރި އިޢުލާން ބާޠިލުކޮށް ދުވާލު ގަޑީގައި ވިޔަފާރިކުރުމަށް އައްޑޫ ސިޓީކައުންސިލުން އިލްތިމާސްކޮށްފި


ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު އައްޑޫ ސިޓީ ކައުންސިލުން، އެ ސިޓީގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކުރި އިއުލާން އުވާލައި، ދުވާލު ގަޑީގައި ވިޔަފާރި ކުރުމަށް ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، އާންމު ޙިދުމަތްދޭ ތަންތަނުން، ޙިދުމަތްދޭ ގަޑިތަކަށް ގެނައި ބަދަލަކީ، އެޗްޕީއޭއިން އެކުލަވާލާފައިވާ އައްޑޫ ކޮވިޑް-19 ޓާސްކްފޯސްގެ ލަފާގެ މަތިން ގެނައި ބަދަލެއް ކަމަށެވެ. ނަމަވެސް ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިފަދަ ފިޔަވަޅެއް އަޅާނެ ހާލަތެއް ނެތްކަމަށް އެޗްޕީއޭއިން ދެކޭތީވެ ކުރިން ކުރި އިއުލާން ބާތިލު ކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އާންމު ޙާލަތަށް ރުޖޫޢަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޞިއްޙީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ހިދުމަތްދޭ ތަންތަނުން ހެނދުނު 06:00 އިން 18:00 އާއި ދެމެދު ޚިދުމަތް ދިނުމަށް އިސްކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރިން ވަނީ އެ ސިޓީގެ ފިހާރަތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން ހުޅުވާފައި ހުންނަ ގަޑި ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ބަދަލުކޮށްފައެވެ. ނަމަވެސް މި އިއުލާން ބާޠިލުކޮށް ދުވާލުގަޑީގައި ވިޔަފާރި ކުރުމަށް އިސްކަންދިނުމަށް ސިޓީ ކައުންސިލުން މިވަނީ އެދިފައެވެ.

މީގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން، ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ގަމަށް އަރާ ފައިބާ ގަޑިއަށް ގެނައި ބަދަލުވެސް ތަންފީޒު ކުރުން މިހާރު ވަނީ ފަސްކޮށްފައެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރ ގައިސް ނަސީރު، ވިދާޅުވީ އެކުންފުނީގެ ނިންމުން ބޮޑަށް ބިނާ ކުރީ، އައްޑޫ ޓާސްކްފޯސްގެ ނިންމެވުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް މިހާރު ސިޓީ ކައުންސިލުން ކުރި އިއުލާންވެސް ބާޠިލްކޮށްފައިވާތީ ގަން ބަނދު ކުރުމާއި ގުޅޭ އިތުރު މަޝްވަރާތަށް އާދިއްތަ ދުވަހު ކުރުމަށް ފަހު އެކަމުގައި ވަކި ގޮތެއް ނިންމާނެ ކަމަށެވެ.