ޚަބަރު

ކޯވިޑް-19 : ހަ މަހަށްފަހު އަނބުރާ ފައިސާ ދައްކާ ފުރަތަމަ 6 މަސްދުވަހު ދައްކަންޖެހޭނީ %20 މަދުކޮށް - ބީއެމްއެލް


ބީއެމްއެލްއިން ލޯން ނަގާފައިވާ ފަރާތްތަކަށް ފައިސާ ދެއްކުން ފަސްކޮށްދީފައިވާ މުއްދަތަށްފަހު ލޯނު އަނބުރާ ދައްކާ ފުރަތަމަ 6 މަސްދުވަހު ދައްކަންޖެހޭނީ ފައިސާގެ 20 އިންސައްތަ މަދުންކަމަށް އެ ބޭންކުން ބުނެފިއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސްޕޯކްސް ޕަރސަން މުހައްމަދު ސަޢީދު ވިދާޅުވީ ލޯނުތައް ފަސްކޮށްދިނުމަށް އެދި ހުށައެޅުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެކަމަށެވެ. އަދި ސެޕްޓެމްބަރުމަހުގެ ނިޔަލަށް ފަސްކުރުމަށް އެދި ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ބީއެމްއެލް އިން ލޯނު ނަގާފައިވާ މީހުންގެ އަދަދު 55000އަށް އަރަކަމަށާއި މި ހުރިހާ ފަރާތްތަކަށްވެސް އެ ލުއިކަން ލިބޭނެ ކަމަށެވެ. ލޯނު ފައިސާ ފަސްކޮށްދެނީ ހަމައެކަނި އެ ބޭންކުން ނޫންކަމަށާއި މިކަން ކުރުމަށް ނިންމާފައިވަނީވެސް ބައިނަލްއަޤްވާމީ ބޭންކްތަކަށް ބެލުމަށްފަހުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ 6 މަސް ދުވަހު ބޭންކަށް އެއްވެސް ފައިސާއެއް ލޯނަކަށް ދައްކާކަށް ނުޖެހޭނެ، ވަރަށް ގިނަ ބޭފުޅުންގެ ސުވާލު ކުރި މާޗް މަހުގެ ޕޭމަންޓާ ދޭތެރޭ. އަޅުގަނޑުމެން އެ ފައިސާ ރީޕޭ ކޮށްދޭނަން. ދެވަނަ ހަ މަސް ދުވަހު ދައްކަން ޖެހޭނީ %20 މަދުކޮށް" ސަޢީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ އެބޭންކުން ކޮންމެ ނިންމުމެއް ނިންމާއިރުވެސް ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމަށް ވިސްނާ ކަމަށެވެ. ބީއެމްއެލް އިން ނަގާފައިވާ ލޯންތަކުގެ ތެރޭގައި ޕާސަނަލް ލޯނުތަކާއި، ވިޔަފާރީގެ ލޯނުތަކާއި، ގެދޮރު ހެދުމަށް ނަގާފައިވާ ލޯނުތައްވެސް ހިމެނެއެވެ.

ބީއެމްއެލްއިން ވަނީ އެ ބޭންކުން ނަގާފައިވާ ލޯނުތަކަށް އިތުރު އިންޓަރެސްޓް ނުލާ ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ނިންމާފައެވެ.