ދުބާއީއިން ގިނަ އަދަދެއްގެ ތަރުކާރީއާއި މޭވާ މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާއްޖެއަށް ގެނެސްފިއެވެ.
މޯލްޑިވިއަނުން ވަނީ ދުބާއީއިން 6 ޓަނުގެ މުދާ ރާއްޖެއަށް ގެނެސްފައެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ތަރުކާރީ އާއި މޭވާ ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.
މޯލްޑިވިއަނުން ފަށާފައިވާ ކާގޯ ފްލައިޓުތަކުގެ ދަތުރުތައް ފުރަތަމަކޮށްފައި ސްރީލަންކާއަށެވެ. ސްރީލަންކާއަށް ކުރި ދަތުރުގައި ގެނެސްފައިވާ މުދާތަކުގެ ތެރޭގައިވެސް މައިގަނޑުގޮތެއްގައި ހިމެނެނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ އިތުރުން ސިއްޙީ ބައެއް ސާމާނުކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ.
މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖެއިން ބޭރުން މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް އެކުންފުނިން ވަނީ އެފުރުޞަތު ވަނީ ހުޅުވާލާފައެވެ.
5 މަންޒިލަކަށް މޯލްޑިވިއަނުން ކާގޯ ފްލައިޓުތަކުގެ ދަތުރުތައް ކުރުމަށްވަނީ ހަމަޖެހިފައެވެ.
އެ 5 މަންޒިލަކީ:
- ކޮލޮމްބޯ
- ޓްރިވެންޑްރަމް
- ޗެންނާއީ
- ބެންކޮކް
- ދުބާއީ
ރާއްޖެއަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މޯލްޑިވިއަނުން މި ބާއްވާ ޗާޓަރ ކާގޯ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު އިތުރު މަންޒިލްތަކަށްވެސް ދަތުރުތައް ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މުދާ އުފުލުމަށް ޗާޓަރ ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ނިންމާފައިވާ މިވަނީ ދުނިޔޭގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާތީ ގިނަ އެއަރލައިންތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.