ޚަބަރު

ސިއްޙީ ޚިދުމަތްތެރިންގެ މަސައްކަތަކީ ފައިސާއިން އަގުވަޒަންކުރެވޭނެ މަސައްކަތެއް ނޫން - މިނިސްޓަރ އަމީން


ސިއްޙީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތަކީ ފައިސާއިން އަގުވަޒަންކުރެވޭނެ މަސައްކަތެއް ނޫންކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ސިއްޙީ ޚިދުމަތްތެރިން ކުރަމުންދާ މަސައްކަތަކީ މުޅި ޤައުމު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށެވެ. ވަކިން ޚާއްސަކޮށް ކޯވިޑް-19 ގެ މިދަނޑިވަޅުގައި މަސައްކަތް ކުރައްވާ ފަރާތްތަކަކީ އެމީހުންނަށް ލިބޭ އުޖޫރައަށް މަސައްކަތް ކުރާ ބައެއް ނޫން ކަމަށާއި، އެމީހުންގެ މަސައްކަތުގެ އަގު ފައިސާއަކުން ވަޒަންނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނުރައްކާތެރި ބަލިމަޑުކަމުގެ މިދަނޑިވަޅުގައިވެސް އެމީހުން މަސައްކަތަށް ކުރާ ލޯތްބާއި އެމީހުންގެ ހިތްވަރުގަދަކަމާއި ކެރުންތެރިކަން ވަރަށް ރަނގަޅަށް ފެނިގެންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތައް އަންނަމުންދާއިރު ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށްވެސް ނިންމާފައެވެ. މިގޮތަށް ނިންމާފައިވާއިރު އެހެން މުވައްޒަފުންނާ އެއްގޮތަށް ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށްވެސް ދޭންޖެހޭ އުޖޫރައާމެދު ވިސްނާ މިކަންތައްތައް ރަނގަޅު ކުރުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސިއްޙީ އެހީތެރިން ކުރަމުންދާ މަސައްކަތުގެ އަމާޒަކީ މި ދަނޑިވަޅުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންކަން އެމަނިކުފާން ޔަޤީންކުރައްވާކަމަށެވެ.

މުޅި ދުނިޔެއަށް މިހާރު ކުރމަތިވެފައިވާ ސިއްޙީ ބޮޑު ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން ކެނޑިނޭޅި 24 ގަޑިއިރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވާ ދަރިވަރުންނާއި މީގެ ކުރިން މި ދާއިރާގައި އުޅުނު މީހުންވެސް މިހާރުދަނީ މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓީމާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.