އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ.
ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް-ސާދާތު ވިދާޅުވީ، އެހޮސްޕިޓަލުގައި ބުރާސްފަތި ދުވަހު ކޮށްފައިވަނީ އުމުރުން 82 އަހަރުގެ މީހެއްގެ އުކުޅުވަޅުގެ އޮޕަރޭޝަނެއް ކަމަށާއި މިއޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށެވެ. އޮޕަރޭޝަން ކުރި މީހާގެ ހާލުވެސް ރަނގަޅު ކަމަށް އެހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
މިއޮޕަރޭޝަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ކަށީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު މުންޝިދުއެވެ. މިއޮޕަރޭޝަނަށް އައިޖީއެމްއެޗުން އެހީ ތެރިކަން ފޯރުކޮށްދީފައިވާކަން އައްޑޫ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
މިއީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަން ނަމަވެސް މީގެ ކުރިން މާލެއިން ޑޮކްޓަރުންގެ ޓީމެއް ހިތަދޫއަށް ގޮސް އައްޑޫ ރީޖަނަލް ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަން ތަކެއް މިދިޔަ އަހަރު ވަނީ ކޮށްފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހުރިހާ ޚިދުމަތެއް ދޭން ފަށާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މިހޮސްޕިޓަލުގައި މުޅި ޖުމްލަ 5 ތިއޭޓަރު އޮޕަރޭޝަން ކުރަން ހުންނަ އިރު، ކަށީގެ އޮޕަރޭޝަންތަކަށް ތިއޭޓަރެއްވަނީ ޚާއްސަކޮށްފައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކޮންސަލްޓޭޝަން ޚިދުމަތް ފަށާފައި ވަނީ މިއަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އާ ހޮސްޕިޓަލުން މިހާރު 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ. އެގޮތުން ހެނދުނު 9:00 އިން ހަވީރު 4:00 އަށް ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބޭއިރު، އޯޕީޑީން ޖެނެރަލް ކޮންސަލްޓޭޝަންގެ ޚިދުމަތް 24 ގަޑިއިރު ދެމުންދާނެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޚިދުމަތް ދޭން ފެށުމާއެކު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށް ރައީސް އޮފީހުން ހެލްތު މިނިސްޓްރީ އަށް ވަނީ އަންގާފައެވެ.