ވިޔަފާރި

ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވިޔަފާރިވެރިން ރާއްޖެއަށް ގެންނަނީ


ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތަކުގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވިޔަފާރިވެރިން ދަނީ ގިނަ އަދަދަކަށް ރާއްޖެއަށް ގެންނަމުންނެވެ.

މިތަކެތީގެ އަގުތައް އެއް ހަމައެއްގަ ހިފެހެއްޓުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ބައެއް ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ފުރަބަންދާ ގުޅިގެން ދަތުރުފަތުރަށްވަނީ އޭގެ އަސަރުކޮށްފައެވެ. މިއާއެކު އާއްމުންގެ މެދުގައި ފެތުރުނު ބިރުވެރިކަމަކީ އިމްޕޯޓަށް ބަރޯސާވާ ރާއްޖެ ފަދަ ޤައުމަކަށް ކާނާގެ ބާވަތްތައް ގެންނާނެ ގޮތަކާއި މެދުއެވެ. ބައެއް ފަރާތްތަކުން ތަކެތި ގިނަ އަދަދަކަށް ގަނެ ރައްކާވެސްކުރަމުންދިޔަތަން ފެނުނެވެ.

އެހެންނަމަވެސް މިހާރު މި މަންޒަރު ފެންނަ މިންވަރު މަދުވެއްޖެއެވެ. ރައްޔިތުންނަށް ސަރުކާރުން ބުނެމުންދިޔަ ބަހުގެ ތެދުކަން ފެންނާތީއެވެ. ބާޒާރުން ތަކެތި ހުސްވެ އަގުތައް އުފުލިގެންދާތަން ނުފެންނާތީއެވެ.

މާލޭ ޕޯޓަށް މިދުވަސްކޮޅުދަނީ ގިނަ އަދަދެއްގެ މުދާ ބާލަމުންއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޑެޓު،އެމްޕީއެލއިން ދަނީ މާލެއަށް ބާލަމުންދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ މައުލޫމާތުތައް ހިއްސާކުރަމުންނެވެ.

މިމަސްތެރޭ ގިނަ އަދަދެއްގެ ތަރުކާރީއާއި މޭވާ ހިފައިގެން ރާއްޖެއަށް މުދާ އުފުލާ ބޯޓުތައް ވަނީ ބަނދަރުކޮށްފައެވެ. އެގޮތުން އެންމެފަހުން މާލެއަށް ބަނދަރުކޮށްފައިވަނީ 'ނިއުމަތު' ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ބޯޓުން މާލެއަށް ގެނެސްފައިވާ ބާވަތްތަކުގެ ތެރޭގައި، 4125 ބިސް ކޭހާއި، 3220 ބަސްތާ ފިޔާ، 1160 ބަސްތާ އަލުވި، 800 ބަސްތާ ކަރާ ހިމެނެއެވެ.

މިދިޔަ ހަފްތާގައިވެސް މިބާވްތައް ހިފައިގެން އައި ކާގޯ ބޯޓުތަކުން ވަނީ މާލެއަށް މުދާ ބާލާފައިކަން ފާހަގަކޮށްލެއެވެ.

އެމްޕީއެލްއިން ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތަކާއެކު ވިޔަފާރިތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކުރުމުގެ ގޮތުން ވިޔަފާރިވެރިންނަށް ޚާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައެވެ.

އެގޮތުން 30 މާޗުން ފެށިގެން 30 ޖޫންގެ ނިޔަލަށް އެމްޕީއެލްއިން ނަގާ ބައެއް ފީތައް ކުޑަކޮށް މުދާ ގުދަންކުރުމުގައި ފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖެއްސާދީފައެވެ.

ރާއްޖެއަށް ވައިގެ މަގުންވެސް މުދާ ގެނައުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި، ބައިނަލްއަޤްވާމީ އެއަރލައިންތަކުން ދަނީ ރާއްޖެއަށް ކާގޯ ފްލައިޓްދަތުރުތައް ބާއްވަމުންނެވެ.