ކޯވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މިއަދު ހަވީރު 5:00ގެ ފަހުން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައިވެސް ދެން ދެވޭނީ ޑެލިވަރީގެ ޚިދުމަތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅުއްވައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަމާ ގުޅިގެން ކުރެއްވި ޢިއުލާނުގައިވަނީ، 19 އެޕްރީލްވާ އާދީއްތަދުވަހު ހަވީރު 5:00ގެ ފަހުން ޢާއްމު ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށެވެ. އަދި މީގެފަހުން ދެން ހަމައެކަނި ދެވޭނީ ޑެލިވަރީގެ ޙިދުމަތްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އެކައުންސިލުން މިހާރު ވަނީ ޑެލިވަރީގެ ޚިދުމަތްދޭނެ ވިޔަފާރިތަށް އެރަށެއްގެ ސޯޝަލް ސަޕޯޓު ޑެސްކުގައި ރަޖިސްޓްްރީ ކުރުމަށް އަންގާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަން އިއުލާން ކޮށްފައިވަނީ ލަމާރުކަޒީ ނޫނާއި ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މިނިންމެވުމުގެ އިތުރުން މިމަހުގެ 17ވަނަ ދުވަހު އައްޑޫސިޓީގައި ރޭގަނޑު ޑެލިވަރީ ޙީދުމަތް ފިޔަވައި އެހެން ޢާންމު ވިޔަފާރި ނުކުރެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމަަވާފައެވެ. އެގޮތުން މިމަހުގެ 23ވަނަ ދުވަހުގެ ޢަސުރު ނަމާދާހަމަޔަށް އައްޑުއާއި ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނެކަމަށް ވަނީ ނިންމަވާފައެވެ. މިއާއިއެކު ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ނޫން ހާލަތެއްގައި ދަތުރުކުރުން ވެސް އެޗްޕީއޭއިން ވަނީ މާނާކުރައްވާފައެވެ. އައްޑޫސިޓީގެ ގުޅިފައިވާ ރައްތަކުގައިވެސް އެއް ރަށުން އަނެއް ރަށަށް ދިއުމަކީ މިވަގުތު މަނާކަމެކެވެ.
ކޯވިޑް-19އާ ގުޅިގެން އައްޑޫ ސިޓީން މިހާތަނަށް އެއްވެސް ކޭސްއެއް ފެނިފައި ނުވެއެވެ. އެހެންނަމަވެސް ސ.ހިތަދޫ، ނޫމަސްވާދީ ވަނީ މޮނީޓަރިން ހާލަތުގައެވެ.