ކުރިއަށް އޮތްތަނުގައި ދަނޑުވެރިން ހައްދާ ތަކެތި މާލެއަށް ގެނެސް ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ އެގްރޯ ނެޓުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެގްރޯ ނެޓަކީ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
މާލެ ސިޓީ ފުރަބަންދަކަށް ދިޔުމާއި ގުޅިގެން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރުމާއި ގުޅިގެން ރަށްރަށުން މާލެއަށް ގެންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ވިއްކުމަށްވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.
ނޭޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ދަނޑުވެރިން ހައްދާ ތަކެތި މާލޭގެ ފިހާރަތަކަށް ފޯރުކޮށްދިނުމާއި އެނޫންވެސް އިންތިޒާމްތައް ހަމަޖެއްސުމުގައި ހަރަކާތްތެރިވާނީ އެގްރޯނެޓުން ކަމަށެވެ.
ކުރިއަށް އޮތްތާގައި އެގްރޯ ނެޓާއި ގުޅޭ އިތުރު ތަފްސީލްތައް ދޭނެ ކަމަށް ވިސާމްވިދާޅުވިއެވެ.