ކުޅިވަރު

ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ޒެފްރޯލް ހޯދައިފި


ސާދަސަތޭކަ ތިރީސް ހަވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޒެފްރޯލް ހޯދައިފިއެވެ. ޒެފްރޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެލްޓީ ސްޕޯޓްސް އަތުން ސީދާ ދެ ގޭމުން މޮޅުވެގެންނެވެ.ފައިނަލް މެޗްވެސް ޒެފްރޯލް ގެންދިޔައީ މާ ބޮޑު އުނދަގޫތަކަކާއި ނުލައިކަން ފާހަގަކޮށްލެވެއެވެ.މިއީ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ޒެފްރޯލް ހޯދި ދެވަނަ ފަހަރެވެ. ޒެފްރޯލްއިން ވަނީ ދެހާސް ތިންވަނަ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައެވެ.ޒެފްރޯލް ފައިނަލަށް ދަތުރުކުރީ ސީކޭ ބަލިކޮށްގެންނެވެ. އަނެއްކޮޅުން ފައިނަލަށް ދަތުރުކުރި އެލްޓީ ސްޕޯޓްސް ފައިނަލަށް ދަތުރުކުރީ އީގަލްސްއިން ތްރީޑީ ބަލިކޮށްގެންނެވެ.މުބާރަތުގެ ޗެމްޕިއަން ޓީމަށް ރޭ ތަށި ހަވާލްކޮށްދެއްވީ ނައިބް ރައީސް އަޙުމަދު އަދީބެވެ.މުބާރާތުން މިސްޓަރ ބައިބަލާގެ ގޮތުގައި ހޮވުނީ ޒެފްރޯލްގެ އަބްދުﷲ ނިޝާނެވެ. މީ ނިޝާން މި މަޤާމް ހޯދާފައިވާ ދެވަނަ ފަހަރެވެ. މިމަޤާމާއެކު ނިޝާނަށްވަނީ ދިހަ ހާސްރުފިޔާގެ ފައިސާގެ އިނާމެއް ލިބިފައެވެ.މުބާރަތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ޒެފްރޯލްގެ ތިން ކުޅުންތެރިން ހިމެނެއެވެ. އެއީ ހަސަން ނާފިއު، ހުސެއިން ފަޒީލް އަދި ހުސެއިން ޝާއިފް އަޙުމަދެވެ. ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަނެއް ދެ ކުޅުންތެރިންނަކީ އޮޔެހާގެ އަހުމަދު މުއާޒް އަދި އެލްޓީގެ މުޙައްމަދު މިރްޝާލް ޔާސިރެވެ. 53 ޓީމް ވާދަކުރި މިމުބާރާތުގެ ޗެމްޕިއަން ޒެފްރޯލަށްވަނީ އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމްވެސް ދީފައެވެ.