އައްޑޫ ސިޓީގައި 3 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުމަކީ މަނާ ކަމެއް ކަމަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން މިކަން ހާމަ ކުރައްވާ ނެރެފައިވާ އިއުލާނުގައި ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅު ތަކެއް އެޅުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެގޮތުން އާންމު ތަންތަނުގައި 3 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުމަކީ މަނާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިގޮތުން ޕާކުތަކާއި ފިނި މައިޒާން ތަކާއި ޖޯލި ފަތިތަކުގައި ތިބޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ޒަރޫރީ ބޭނުމެއް ނެތި ހަވީރު ގަޑިއާއި އެހެން ގަޑިތަކުގައި ދުއްވަން ނިކުތުމަކީ މަނާކަމެއް ކަމުގައި ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. މިިއީވެސް މިދުވަސްވަރު ކޮވިޑް-19 ފެތުރެމުންދާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ހާއްސަ ފިޔަވަޅެއް ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މީގެއިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި، އައްޑޫގެ އެއްފަސްވެފައިވާ ރަށްތަކުން އެއްރަށުން އަނެއް ރަށަށް ދިއުމަކީވެސް މަނާ ކަމެއްގެ ގޮތުގައި ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، ކައުންސިލުގެ މިފަދަ ނިންމުންތަކާއި ހިލާފުވާ ފަރަތްތަކާއި މެދު ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އެގޮތުން ކައުންސިލުގެ ނިންމުންތަކާއި ޙިލާފުވާ ފަރާތްތަށް 500ރ. އާއި 5000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނޭކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، ރައްޖޭގެ ބައެއް ރަށްތަކުން ވެސް މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ވަނީ ފެނިފައެވެ. ނަމަވެސް މިހާތަނަށް އައްޑޫސިޓީން ބަައްޔަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއްނުވެއެވެ.