ކޯވިޑް-19އަށް ޓެސްޓްކުރުމަށް 5000 ޓެސްޓް ކިޓާއި އޮޓޯ ބައިޕާސް ވެންޓިލޭޓަރުތަކެއް ރާއްޖެ ގެނެސްފިއެވެ.
ސިންގަޕޫރާއި ތައިލެންޑުން އައި މޯލްޑިވިއަންގެ ކާގޯ ފްލައިޓަކުން މިތަކެތި ރާއްޖެ ގެނެސްފައިވަނީ މިރޭގެ ވަގުތެއްގައެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި ކާގޯ ފްލައިޓުން ރާއްޖެ ގެނެސްފައި ވަނީ ކޯވިޑް-19އަށް ޓެސްޓްކުރާ 5000 ޓެސްޓް ކިޓާއި 5000 މާސްކްއާއި 15 އޮޓޯ ބައިޕާސް ނޮން އިންވޭސިވް ވެންޓިލޭޓަރުގެ އިތުރުން 500 ސެޓްގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްވެސް ހިމެނެއެވެ.
މީގެކުރިން އެކި ޤައުމުތަކަށް މޯލްޑިވިއަނުން ބައްވާ ކާގޯ ފްލައިޓުތަކުގައިވެސް ވަނީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބައެއ ސިއްޙީ ސާމާނު ރާއްޖެ ގެނެސްފައެވެ. މިގޮތުން އެންމެ ފަހުން ރާއްޖެއަށް މިފަދަ ސާމާނު ގެނެސްފައިވަނީ ޗައިނާއިންނެވެ. އަދި ބައެއް ޤައުމުތަކުންވެސް ރާއްޖެއަށް ދަނީ މިފަދަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ދާދިފަހުން އިންޑިއާއި ބަންގްލަދޭޝްއިންވެސް ވަނީ ސިއްޙީ ބައެއް ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި މީގެ ކުރިން ޗައިނާއާއި އެމެރިކާއިންވެސް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ރާއްޖެއަށް މިރޭ 5000 ޓެސްޓް ކިޓް ގެނައިރު ދާދިފަހުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ރާއްޖެއަށް 5000 ޓެސްޓް ކިޓް ހަދިޔާކުރައްވަފައެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި ޓެސްޓު ކުރުމުގެ ކަންކަން ފެށިއިރު ދުވާލަކު ކުރެވެނީ ގާތްގަނޑަކަށް 50 ނުވަތަ 100 ވަރަކަށް ސާމްޕަލްއެވެ. ނަމަވެސް މިހާރު ދުވާލަކު 400 ސާމްޕަލް ޓެސްޓް ކުރެވެމުންދާކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.