ޚަބަރު

ކޯވިޑް19: ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 481 އަށް އަރައިފި


މިއަދުގެ މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 481 އަށް އަރައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ އެންމެ ފަހުން ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 6 މީހުންކަމަށެވެ.

މިއަދު ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި 80 އަހަރުގެ ދިވެހި އަންހެނަކާއި، ފަސް އަހަރުގެ ކުޑަކުއްޖެއްވެސް ހިމެނެއެވެ. މިހާތަނަށް އެންމެ ގިނައިން ރާއްޖޭގައި ޕޮޒިޓިވްވީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން އެ ޤައުމުގެ 285 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް މި ބަލި ޖެހިފައިވާ ދިވެހިންގެ އަދަދު ވަނީ 152އަށް އަރާފައެވެ. އަދި އިންޑިއާއަށް ނިސްބަތްވާ 49 މީހުންވަނީ މިހާތަނަށް ޕޮޒިޓިވްވެފައެވެ. އިތުރު ބައެއް ޤައުމުތައް ހިމެނޭހެން ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދަކީ، 329 އެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 6 މީހަކަށް އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންނެވެ، އެއީ ހަތަރު ދިވެހިންނާއި ޕާކިސްތާން މީހެކެވެ.

މިހާތަނަށް ނަތީޖާ ނުލިބި 332 ސާމްޕަލް ހުރިއިރު، ކޮންޓެކްކްޓް ޓްރޭސްގެ ތެރެއިން 3600 މީހުންވަނީ ދެނެގަނެވިފައެވެ.

ކޯވިޑް19 ފެތުރެމުންދާތީ ރާއްޖޭގައި ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި ފުރަބަންދުވެސް ވަނީ މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.