ޚަބަރު

ޑީކޮންޓެމިނޭޓްކުރުމަށްފަހު އެސްޓީއޯ ސުޕަމާޓާއި ޓްރޭޑް ސެންޓަރުގެ ގުދަން މިރޭ އާންމު ހާލަތަކަށް ގެންނަނީ


ބިދޭސީ މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން، ޑީކޮންޓިމިނޭޓްކުރުމަށްފަހު އެސްޓީއޯ ސުޕަރމާޓާއި ޓްރޭޑްސެންޓަރުގެ ގުދަން މިރޭ 11:00ގައި އާންމު ހާލަތަކަށް ގެންނާނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެސްޓީއޯގެ ލޭބަރ ކުއާޓަރެއްގައި ދިރުއުޅޭ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުވުމާއި ގުޅިގެން އެސްޓީއޯ ސުޕަރމާކެޓާއި، ޓްރޭޑް ސެންޓަރާއި އަމީނީމަގުގައި ހުންނަ އެސްޓީއޯ ލޭބަރކުއަރޓަރު މޮނިޓަރިންގެ ހާލަތައް ގެނެވުނުކަމަށެވެ.

މަބްރޫކްވިދާޅުވީ އެސްޓީއޯ ސުޕަރމާކެޓާއި ޓްރޭޑްސެންޓަރުގެ ގުދަން ޑީކޮންޓެމިނޭޓްކުރުމުގެ މަސައްކަތް މިހާރު އެކުންފުނިންކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގިފައިއޮތީ މިރޭ ޑީކޮންޓެމިނޭޓްކުރަމުންދާކަމަށް އެތަންތަން. މިރޭ 11 ޖަހާކަށްހާއިރު، އެކަން ނިންމުމަށްފަހު ސުޕަމާޓާއި ގުދަން އާންމު ހާލަތަކަށް ގެނެވޭނެކަމަށް. މިކަމާއި ގުޅިގެން މިއަދު އެސްޓީއޯގެ އީސްޓޯއެމްވީ ބަންދުކުރެވުނު އޭގެ ޚިދުމަތް މާދަމާ އަނެއްކާވެސް ފެށޭނެ" މަބްރޫކް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެސްޓީއޯގެ ސެކިއުރިޓީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އެސްޓީއޯއިން ދަނީ ކޯވިޑް-19ގެ މިހާލަތުގައި ރައްޔިތުންނަށްބޭނުންވާ ސާމާނު ފޯރުކޮށްދެމުންނެވެ. އެގޮތުން ބޭހާއި ކާނާގެ ބާވަތްތައް ޑެލިވަރީ އުސޫލުން ފޯރުކޮށްދެމުންދާއިރު، ސުޕަމާކެޓުން ލިބެންހުންނަ ސާމާނު އީސްޓޯއެމްވީ މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ވަކިއަދަދަކަށް ޑެލިވަރީގެ އުސޫލުން ދަނީ ފޯރުކޮށްދެމުންނެވެ.