ޚަބަރު

ކޯވިޑް-19 : ބަލި ޖެހުނު މީހުންނާ ކޮންޓެކްޓްވި 3825 މީހަކު ފާހަގަވެއްޖެ


ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންނާއި އެކި ގޮތްގޮތުން ކޮންޓެކްޓްވި 3825 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް 260 ތަނެއް މޮނީޓަރިންގގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި މޮނީޓަރިންގގެ ހާލަތުން އާންމު ހާލަތަށް ދަރުމަ ދޯންޔާއި ބ. ކެންދޫއާއި ހއ. ދިއްދޫ އަދި ހއ. އުތީމު ގެނެސްފައިވާކަމަށެވެ.

މިހާތަނަށް 8429 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 7700 ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި 215 ސާމްޕަލެގެ ނަތީޖާ ނުލިބޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 447 މީހަކު އެބަތިބި ކަމަށެވެ. އަދި ކަރަންޓީންގައި މިހާރު ތިބީ 1311 މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ސްޕެޝަލް ޕާމިޓްގައި ރާއްޖެ އަންނަ މީހުން 14 ދުވަހުގެ މުއްދަތުގައި ކަރަންޓީނުގައި ތިބެން ޖެހޭނެކަމަށެވެ. އަދި އެމީހު ރާއްޖެ އަންނަތާ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓް ހަދަން ޖެހޭނެކަމަށާއި އެ މީހުންނަށް ހިދުމަތްދޭ މީހުންނަކީވެސް އެއް ބަޔަކަށް ވާން ޖެހޭނެކަމަށެވެ.

"ހިދުމަތްދޭ މީހުން ވެސް 14 ދުވަހުގެ ކަރަންޓީނުގައި ތިބެން ޖެހޭނެ. އޭގެ ތެރެއިން ރިސޯޓް އޯނަރުންނަށް އެ މީހުންގެ ރަށްރަށުގައި ތިބެވޭ ގޮތް ހަމަޖެހޭނެ. ސްޕެޝަލް ވިސާގެ ތެރޭގައި ހިމެނެނީ ރިސޯޓް އޯނަރުންނާއި ވޯލްޑް ބޭންކް ފަދަ ތަންތަނުގެ މީހުންނާއި އެފަދަ މީހުން"މަބްރޫކް ވިދާޅުވިއެވެ.