ޚަބަރު

ޕީއެސްއެމް ނިއުސް : ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި 3 އަހަރު


ޕަބްލިކް ސަރވިސް މީޑިއާގެ ނިއުސް ޗެނަލް ޕީއެސްއެމް ނިއުސްއަކީ ފިލްމާއި ޑްރާމާއާއި ލަވަ ޕްރޮގްރާމްތައް ނުހިމަނައި ހަމައެކަނި ޚަބަރާއި ކަރަންޓް އެފެއާޒަށް ޚާއްޞަކޮށްގެން، 24 ގަޑިއިރު މެދުކެނޑުމެއްނެތި ރާއްޖޭގައި މިހާތަނަށް ހިންގާ ހަމައެކަނި ނިއުސް ޗެނަލެވެ.

2017ވަނަ އަހަރުގެ މެއިމަހުގެ 3ވަނަ ދުވަހު އިފްތިތާހްކުރި ޕީއެސްއެމްގެ ނިއުސް ޗެނަލް ހިންގުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއާއި ދުނިޔޭގައި ހިންގާ ކަންކަމުގެ ތެދު މަޢުލޫމާތު ތާޒާކަމާއެކު ވީހާ އަވަހަކަށް ގެނެސްދިނުމާއެކު ދޮގު ޚަބަރުގެ ސަބަބުން މުޖުތަމަޢަށް ލިބިދާނެ ގެއްލުމުން ރައްޔިތުން ސަލާމަތްކުރުމާއި ފިތުނަ އުފެއްދުމުގެ ޖާގަ ހަނިކުރުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ތަރައްޤީއާއި އިޖުތިމާޢީ ޙަރަކާތްތައް މުޅިރާއްޖެއަށް ގެނެސްދިނުމަކީވެސް ޕީ.އެސް.އެމް ނިއުސް އެފެއްދުމުގެ މުހިންމު މަޤްޞަދެކެވެ.

ޕަބްލިކް ސަރވިސް މީޑިއާ އުފެދުނު ފަހުން 3 އަހަރު ފާއިތުވެގެން ދިޔައިރު، ނިއުސް ޗެނަލް އުފެއްދުމަކީ ޕީ.އެސް.އެމްގެ ހަޔާތުގައި ގިރާކުރި މުހިންމު ހަރުފަތެކެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމާ ގުޅޭ މައުލޫމާތާއި، ރައްޔިތުންނާ ގުޅުން ހުރި ކޮންޓެންޓް މުއްސަނދިކޮށް، ބްރޯޑްކާސްޓްކުރުމަށް ޕީ.އެސް.އެމުން ކުރަމުންގެންދާ މަސައްކަތްތަކަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ. ފާއިތުވެދިޔަ 3 އަހަރު ދުވަހު ކޮންމެ ދުވަހަކު 24 ގަޑިއިރު ޕީ.އެސް.އެމް ނިއުސް ޗެނަލް އެއްވެސް މެދުކެނޑުމެއް ނެތި ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. މި ޗެނަލްގެ ޚިދުމަތް އެޗްޑީ ކޮލިޓީގައިވެސް ލިބެމުންދެއެވެ.

މިވީ 3 އަހަރުދުވަހުގެ ތެރޭގައި ރައްޔިތުންނަށް ޚަބަރާއި، ކަރަންޓް އެފެއާރޒް މައުލޫމާތު ގެނެސްދޭ ޕްރޮގްރާމްތަކުގެ ޢަދަދުވެސް މީގެކުރިން އިތުރު ނުވާ މިންވަރަށް، ނިއުސް ޗެނަލް އުފެދުމާއެކު ވަނީ އިތުރުވެފައެވެ. ޕީ.އެސް.އެމްގެ އެހެން ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުގެ ކޮންޓެންޓަށްވެސް، ޕީ.އެސް.އެމް ނިއުސްގެ ސަބަބުން ބޮޑު މުއްސަންދިކަމެއް ވަނީ އައިސްފައެވެ.

ނިއުސް ޗެނަލުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މުޅިން އާ އެތައް ޕްރޮގްރާމްތަކާއި، ޑޮކިއުމެންޓްރީތައް ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. އެގޮތުން ޤައުމަށް ދިމާވާ މުހިންމު ކަންކަމާ ގުޅިގެން، އެކަންކަމާ ގުޅޭ ޚާއްޞަ ލައިވް ކަވަރޭޖްތަކާއި ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް ޕީ.އެސް.އެމް ނިއުސް ޗެނަލުން ދަނީ ގެނެސްދެމުންނެވެ. ޚާއްޞަ ގޮތެއްގައި ބްރޭކިންގ ނިވްސްއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކަންކަމުގެ އެންމެ ފަހުގެ ތަފްސީލީ ޞައްޙަ މައުލޫމާތު ވަގުތުން ވަގުތަށް ޕީ.އެސް.އެމް ނިއުސް ޗެނަލުން ގެންދަނީ ހުއްޓުމެއްނެތި ގެނެސްދެމުންނެވެ.

މިއަދު ރާއްޖެއާއި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައި މިވާ ކޯވިޑް-19ގެ ނުރައްކާތެރި މިދަނޑިވަޅުގައިވެސް އެންމެ ފަހުގެ ޙާލަތާއި، މި ބަލިމަޑުކަމާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސް ޗެނަލްގެ ޓީމުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު މައުލޫމާތާއި، ޚަބަރު ގެނެސްދިނުމުގެ އިތުރުން ލައިވްކަވަރޭޖާއި، ކޮންޓިނިއުޓީ ޝޯވްއެއް ފަށައިގެން ދަނީ ކުރިއަށެވެ. މިބަލީގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން ޚައްސަ ކަވަރޭޖެއްފަށައި، މާލެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ޕީއެސްއެމް ނިއުސްއިންވަނީ ކޮންޓިނިއުޓީ ޝޯއެއް ފަށައި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދިނުން އިރުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ބްރޭކިންގ ނިއުސްއާ ޚަބަރު ގަޑިތަކުގައިވެސް މިބަލިމަޑުކަމުގެ އެންމެ ތަފްސީލް އަދި ފަހުގެ މައުލޫމާތުދަނީ ގެނެސްދެމުންނެވެ.

ދައުލަތުގެ ރަސްމީ މީޑިއާގެ ހައިސިއްޔަތުން އެއްވެސް ހުއްޓުމެއްނެތި ޚަބަރާއި މައުލޫމާތު ފެތުރުމަށްޓަކައި، މާލެ ފުރަބަންދުކުރި ހިސާބުން ފެށިގެން ނިއުސްޓީމް ދެބަޔަކަށް ބަހާލައި އެއްބަޔަކު ސްޓޭޝަންގައި ފުރަބަންދުވެ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެންމެ ތަފްސީލީގޮތެއްގައި ވަގުތުން ވަގުތައް ގެނެސްދިނުމަށް ކުރަމުންދަނީ ރައްޔިތުން ބަލައިގަންނަ އިތުބާރުހިފޭ ކޮންޓެންޓް ގެނެސްދިނުމުގެ މަސައްކަތެވެ. އަދި ގޭގައިތިބިގެންވެސް ނިއުސްޓީމުގެ މުވައްޒަފުންދަނީ މަސައްކަތްކުރަމުންނެވެ. މިއީ ޕީއެސްއެމް ނިއުސްގެ މިވީ ތާރީޚުގައިވެސް، މަސައްކަތްކުރާ އަދި މުވައްޒަފުންގެ ނޫސްވެރިކަމުގެ ހަޔާތުގައިވެސް ކުރަމުންދާ އެންމެ ތަފާތު ތަޖުރިބާއެވެ. ދަތި އުނދަގޫތަކާއެކުވެސް ޕީއެސްއެމް ނިއުސްގެ މިޓީމުގެ ބައިވެރިންދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީ.އެސް.އެމް ނިއުސްގެ ޚިދުމަތް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ސެޓަލައިޓް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، ނިއުސް ޗެނަލްގެ ޚިދުމަތް ދެމުންގެންދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން ރާއްޖޭގެ ޓީވީ ސްޓޭޝަނެއްގައި ހުރި އެންމެ ބޮޑު ޑިޖިޓަލް ޑިސްޕްލޭ ހުރީ ޕީ.އެސް.އެމް ނިއުސް ސްޓޫޑިއޯގައެވެ. އަދި ފެށުނީއްސުރެވެސް ނިއުސް ޗެނަލްގެ ޚިދުމަތް އެޗްޑީކޮށް ދެމުންދާއިރު، އެޗްޑީ ޚިދުމަތް ނުލިބޭ ސަރަހައްދުތަކަށް ޕީ.އެސް.އެމް ނިއުސް އެސްޑީވެސް ވަނީ ތަޢާރަފްކޮށްފައެވެ.
ޕީއެސްއެމް ނިވްސްގެ ޚިދުމަތުގެ 3 އަހަރު ފާއިތުވިއިރު، މި ޗެނަލްގެ ޚިދުމަތް ޢާންމު ފަރުދުންގެ މެދުގައި މަޤްބުލްވެފައިވާކަން ފާހަގަކުރަންޖެހެއެވެ. އަޅުގަނޑުމެންގެ މަސައްކަތް އޮތީ ކުރިއަށެވެ.