މިހާރުވެސް ރާއްޖެއަށް އައުމަށް ގިނަ ބަޔަކު ބުކިންގްސް ހަދަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ކުރިއަށްގެންދާ ކޯވިޑް-19އަށް ޚާއްސަ ލައިވް ޝޯއަށް ފޯން މެދުވެރިކޮށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަނެވުމުން ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އަންނަ ބޭނުންވިޔަސް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާނީ ކޯވިޑް-19 ރާއްޖޭގައި ކޮންޓޯލްވުމުން ކަމަށެވެ.
" މިހާރުވެސް އެބައޮތް ދިވެހިރާއްޖެއަށް އަންނަން ވަރަށް ބައިވަރު ބުކިންގްސް އޭގެތެރޭގައި ޗާޓަޑް ފްލައިޓްސްތަކާއި ޖެޓުތަކުގައި އަންނަން ބޭނުންވާ ފަރާތްތައް އެބަހުރި، އެހެން ނަމަވެސް މިބަލި ކޮންޓްރޯލްވުމުން ނޫނީ ރާއްޖޭގެ ބޯޑަރުތަކެއް ނުހުޅުވާނަން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ގެނެވޭވަރު ވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އެގޮތުން މިކަމާއި ގުޅޭ ދިރާސާއެއް ޓޫރިޒަމް މިނިސްޓްރީން ރާއްޖެއަށް ގެނައި މެޑިކަލް ޓީމުން ހަދާފައިވާ ކަމަށާއި، އަދި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ރައީސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
" ތިންވަނަ ކުއާޓަރގެ ކޮން ދުވަހެއްގައި ކަމެއް އެނގޭނީ، މިހާރުކުރާ މަސައްކަތުން ނިކުންނަ ނަތީޖާއަކުން، އެހެންނަމަވެސް ފުރަތަމަ ބޯޑަރު ހުޅުވާލުމަށް ވިސްނާލާއިރު، ކޮން ގޮތަކަށްތޯ، ކޮންކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްތޯ އަޅާނީ، އެ ޕްރޮސެސްތައް އެކުލަވާލުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ ގެއްލިފައިވާ ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަރާތްތަކަށްވެސް އަނބުރާ ވަޒީފާއަށް ނިކުމެވޭނެ ފަދަ މަގެއް ފަހިކޮށްދޭން ޖެހޭ ކަމަށާއި، އެގޮތުން ރާއްޖޭގައި މިބަލި ކޮންޓުރޯލްކޮށް ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭނެ ގޮތްތަކެއް ވިސްނާ އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރވަނީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ކޯވިޑް-19 ޓެސްޓު ހެދުމަށްފަހު ރާއްޖެއަށް އައުމަށްފަހު ރާއްޖޭގައިވެސް އެ ޓެސްޓުކުރެވޭނެ އިންތިޒާމެއް ހަމަޖައްސާ، ޓެސްޓުގެ ނަތީޖާ ލިބުމާއި ހަމައަށް ކަރަންޓީނުކުރެވޭނެ ފަދަ ގޮތަކަށް ރާވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް-19 ވައިރަސް ފެތުރެމުންދިއުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިދިޔަމަހު މާޗުމަހުގެ ތެރޭގައި ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ. އެއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.