ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ޕޮޒިޓިވްވި އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު ބަލިން ރަނގަޅުވެ، މިބަލީގައި ފަރުވާދީ ރަނގަޅުވި މީހުންގެ ޢަދަދު 18އަށް އަރައިފިއެވެ.

އެޗްޕީއޭއިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާކަން ހާމަކޮށްފައިވާއިރު ބަލިން ރަނގަޅުވީ 35 އަހަރުގެ ދިވެހި އަންހެނެއްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ކޭސް ނަންބަރު 80 ގެ ގޮތުގައި ހިމަނާފައިވާ އެ އަންހެންމީހާ ހިމެނެނީ 4 މީހަކު ޕޮޒިޓިވްވިކަން ހޯދިފައިވާ ބީއެންސީ ކްލަސްޓާގައެވެ.

ރާއްޖެއިން މިހާތަނަށް 519 މީހުން ޕޮޒިޓިވެފައިވާއިރު 498 މީހަކަށް މިވަގުތުވެސްދަނީ ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލުގައި 6 މީހަކަށްދަނީ ފަރުވާދެމުންނެވެ. އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ މީހެއްގެ ހާލުރަނގަޅުވެ ފުރަތަމަ ހެދި ޓެސްތް ނެގެޓިވްވެފައިވާކަމަށާއި، ދެވަނަ ޓެސްޓްގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާކަން ޑޮކްޓަރުންވަނީ މިއަދު ހާމަކުރައްވާފައެވެ.

ކޯވިޑް19 އިން ރަނގަޅުވިކަން ކަށަވަރުކުރަނީ ފަރުވާދިނުމަށްފަހު ބަލިހުރިތޯ ބަލަން ދެ ފަހަރު ޓެސްޓް ހެދުމަށްފަހު އޭގެ ނަތީޖާ ނެގެޓިވްވުމުންނެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ފަހުން ބަލިން ރަނގަޅުވީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ ދިވެއްސެކެވެ.