ޚަބަރު

އައްޑޫ ސިޓީގެ އެއްއަވަށުން އަނެއް އަވަށަށް ދިއުމަށް މިހާރު ހުއްދަ ދޫކުރަނީ ފުލުހުން


އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރު ކުރުމުގެ ހުއްދަ ފުލުހުން ދޫކުރަން ފަށައިފިއެވެ.

އައްޑޫސިޓީ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވިދާޅުވީ މެއި 3 ވަނަ ދުވަހުން ފެށިގެން، އައްޑޫގެ އެއްއަވަށުން އަނެއް އަވަށަށް ދަތުރު ކުރުމުގެ ހުއްދަ ދޭނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ.

މީގެ ކުރިން މިހުއްދަ ދޫކުރަމުން އައީ އައްޑޫ-އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުންނެވެ. ނަމަވެސް ފުލުހުން މެދުވެރިކޮށް މިއިންތިޒާމު ހަމަޖެހުމާއިއެކު، އެސެންޓަރުން ހުއްދަ ދޫކުރުން މިހާރުވަނީ ހުއްޓާލާފައެވެ. ފުލުހުންގެ ވެބްސައިޓު މެދުވެރިކޮށް މިހުއްދައިގެ ދަށުން އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ޒަރޫރީ ބޭނުން ތަކުގައި ދަތުރު ކުރުމަށް ހުއްދަ ނެގޭނެއެވެ. އެގޮތުން އޭޓީއެމްއިން ފައިސާ ނެގުމާޢި، ސިއްޙީ ކަންކަމުގައި އާއި، ވަޒީފާ އަށް ދިއުމަށް ހުއްދަ ނެގޭނެއެވެ.

އައްޑޫގައި ގުޅިފައިވާ ރަށްތަކުގެ މެދުގައި ދަތުރު ކުރުމަށް ހުއްދަ ނަގަން ޖެހޭނީ މަރަދުއާއި ހިތަދުއާއި ދެމެދު ކުރާ ދަތުރު ތަކަށާއި، ފޭދޫ އާއި މަރަދޫ-ފޭދޫއާ ދެމެދު ކުރާ ދަތުރު ތަކަށާއި، ގުޅިފައިވާ ރައްތަކާއި ހުޅުދޫ-މީދޫ އާއި ދެމެދު ކުރާ ދަތުރު ތަކަށެވެ.

އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ސޯދިޤް ވިދާޅުވީ، އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް އެކި ބޭނުން ތަކުގައި އެޕްރީލް މަހުގެ 15 އިން ފެށިގެން 1119 މީހުން އެކި ގޮތް ގޮތުން ދަތުރު ކުރުމަށް ހުއްދަ އަށް އެދިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން 646 މީހަކަށް ހާއްސަ ހުއްދައެއް ދީފައިވާކަމަށްވެސް މޭޔަރ ވަނީ ވިދާޅުވެފައެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ދަނީ މިދުވަސްވަރު ޑިއުޓީ އުސޫލުން މަސައްކަތް ކުރަމުންދާ އޮފީސްތަކާއި، މުއައްސަސާ ތަކަށް އަދި ޑެލިވަރީ ޙިދުމަތްދޭ ވިޔަފާރިތަކަށް ހާއްސަ ހުއްދައެއް ދޫކުރަމުންނެވެ.