ޚަބަރު

އަމީނާ މުޙައްމަދު އަމީން އަވަހާރަވެއްޖެ


ދިވެހިރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދުށިމޭނާ ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުޙައްމަދު އަމީން ޢުމުރުފުޅުން 85 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަމިއްލަފުޅު ގެކޮޅު އަތިރީގޭގައި އެކަމަނާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ.

އަމީނާގެ މަންމާފުޅަކީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސައިން ޞަލާހުއްދީންގެ ދަރިކަނބަލުން ފާޠިމަތު ސަޢީދެވެ. އަމީނާއަކީ ރައީސް މުޙައްމަދު އަމީނާއި ފާޠިމަތު ސަޢީދުގެ 3 ބޭފުޅުންގެތެރެއިން އެންމެ ހަގު ބޭފުޅާއެވެ. ރައީސް މުޙައްމަދު އަމީން އަވަހާރަވީއރު ދުނިޔޭގައި އިންނެވި އެމަނިކުފާނުގެ ހަމައެކަނި ބޭފުޅަކީވެސް އަމީނާއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި އަމީނާ އަވަހާރަވި އިރު، އެކަމަނާގެ ފިރިކަލުންނާއި ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެކަމަނާގެ ހަތަރު ބޭފުޅުންނަނީ އިބްރާހީމް ފައިސަލާއި އަމީން ފައިސަލާއި ޑރ.ފަރަހަނާޒް ފައިސަލާއި ސުވޭކާރުއަބްދުލް ހަމީދެވެ.

އަމީން ފައިސަލަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ޑރ.ފަރަހަނާޒް ފައިޞަލަކީ ރާއްޖެ އިން އިނގިރޭސިވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ މިހާރުގެ ސަފީރެވެ.