އެފްއެސްއެމްގެ ފެޓްރޯލް ޝެޑްތަކުން ޙިދުމަތް ލިބޭނީ މާސްކު އަޅައިގެން ތިބޭ މީހުންނަށް އެކަނި ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމުން ބުނެފިއެވެ.
އެފްއެސްއެމުން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކުންފުނީގެ ޕެޓްރޯލް ޝެޑްތަކަށް ވަދެވޭނީ އަދި ޙިދުމަތް ލިބޭނީވެސް ހަމައެކަނި މާސްކް އަޅައިގެން ތިބޭ ކަސްޓަމަރުންނަށް އެކަނި ކަމަށެވެ. މިއީ އެކުންފުނީގެ މުވައްޒަފުންނާއި އަދި ޙިދުމަތް ހޯދަން އަންނަ އެހެން ފަރާތްތަކުގެވެސް ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށް އެފްއެސްއެމުން ބުނެއެވެ.
ކޯވިޑް-19 ވައިރަސްއާ ގުޅިގެން މާސްކު އަޅައިގެން އުޅުމަކީ ރައްކާތެރިގޮތެވެ. މާލޭގެ ބައެއް ފިހާރަތަކަށްވެސް ވަދެވޭނީ މާސްކު އަޅައިގެން ތިބޭ ފަރާތްތަކަށް އެކަންޏެވެ.
ރައްކާތެރިކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން އެފްއެސްއެމްގެ ޕެޓްރޯލް ޝެޑުތަކުގައި ނަގުދު ފައިސާގެ މުއާމަލާތްތައް ކުރާ މިންވަރު މަދުކުރުމަށްޓަކައި ޚިދުމަތް ހޯދާ ފަރާތްތަކަށް ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ގޮތްވެސް މިހާރުވަނީ ހަމަޖައްސާފައެވެ.