ޚަބަރު

ކޯވިޑް-19: ކުލި ނުދެއްކުނު 12 މީހަކު ގެއިން ނެރެފައިވޭ - އެޗްއާރްސިއެމް


ކޯވިޑް-19އާ ގުޅިގެން ދިމާވާ މާލީ ދަތިކަމުގެ ސަބަބުން ކުލި ނުދެއްކުނު 12 މީހަކު ގެއިން ނެރެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާއިން ދައްކާގޮތުގައި މައުލޫމާތު ދިން މީހުންގެ ތެރެއިން 25 މީހަކަށް ކުލި ދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅޭ ތަނުން ނެރެލާނެކަމަށް ގޭގެ ވެރިފަރާތުން އަންގާފައިވާ ކަމަށެވެ. އަދި 12މީހަކު ކުލި ދެއްކޭނެ ގޮތެއް ނެތިގެން ދިރިއުޅެމުން ދިޔަ ތަނުން ނެރެފައިވާ ކަމަށްވެސް މި ދިރާސާގައިވެއެވެ.

މިފަދަ 8 މީހަކު ވަގުތީ ބޯހިޔާވަހިކަމުގައި އުޅެމުން އަންނަކަމަށްވެސް މި ދިރާސާގައިވެއެވެ. މީގެ ތެރެއިން 5 މީހެއްގެ މުސާރައަށް އަސަރުކޮށް ރޯދަ މަހުގެ އިނާޔަތް ނުލިބުމުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ވަނީ ދަތިވެފައެވެ. އެޗްއާރްސީއެމްގެ ރިޕޯޓުން ދައްކާގޮތުން 3މީހަކު ވަނީ ފުރަބަންދުގެ ސަބަބުން ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި ތާށިވެފައެވެ.

މި ދިރާސާއަށް މައުލޫމާތު ދިން %44 މީހުން ކުއްޔަށް އުޅެމުން އަންނައިރު އޭގެ ތެރެއިން %30 މީހުންގެ ޢާމްދަނީ ވަނީ ދަށްވެފައެވެ. މީގެ ސަބަބުން ކުލި ދެއްކުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. އަދި %17 މީހުންގެ އާމްދަނީ ދަށްވެ ކުލި ދެއްކޭނެ ގޮތެއްނެތްކަމަށް މި ދިރާސާގައިވެއެވެ.

މި ދިރާސާއަށް މަޢުލޫމާތި ދިން މީހުންގެ ތެރެއިން %74 އިންސައްތަ މީހުންނަށް މުސާރަ ލިބެންވާ މުއްދަތުގެ ތެރޭގައި މުސާރަ ލިބިފައިވެއެވެ. ނަމަވެސް މުސާރަ ނުލިބޭ ކަމަށް %26 މީހުން ހިމެނޭކަމަށް މި ދިރާސާގައިވެއެވެ.

އެޗްއާރްސީއެމްއިން ހަދާފައިވާ މި ދިރާސާއަކީ ކޯވިޑް-19އާ ގުޅިގެން ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ޙާލަތު ދެނެގަތުމަށް 1091 މީހުންނާއި 33 ކައުންސިލެއް ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއެކެވެ.