ޚަބަރު

ކޯވިޑް-19 : "ނާޒުކު ޙާލަތުގައި ތިބި ދަރިވަރުންގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ ކަންބޮޑުވުން އެބައޮތް"


ކިޔަވއިދިނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާނުލެވުމާއި ކިޔެވުމުގައި މިނާޒުކު ޙާލަތުގައި އުޅޭ ކުދިންގެ ޙާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ)އާއި ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ސިއެރަ ލިއޯންގެ ބޭސިކް އަދި ސީނިއާ ސެކަންޑްރީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ބޭއްވި މިނިސްޓަރުންގެ ފޯރަމްގައި ރާއްޖޭގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ބައިވެރިވެވަޑައިގެން ވަނީ ކޯވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކުރަންޖެހި ކިޔަވައިނުދެވޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިނިސްޓަރ ވަނީ މިދިޔަ މާޗު 12ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައިވާކަން ފާހަގަކުރައްވައި ދަރިވަރުންނަށް ފިލާވަޅުތައް ހަވާލުނުކުރެވި، ސްކޫލުން ވަކިވާ ދަރިވަރުންގެ ޢަދަދު ގިނަވުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަންފާހަގކުރައްވާފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާނުލެވުމާއި ނާޒުކު ހާލަތުގައި ދިރިއުޅޭ ކުދިންގެ ޙާލަތު އިތުރަށް ގޯސްވެގެން ދިއުމަކީ ކަންބޮޑުވުމެއްކަން ފާހަގަކުރައްވާފައެވެ. މިމައްސަލަތައް އިތުރަށް ގޯސްވެގެން ދަނީ ރާއްޖެއަށް ދިމާވާ ތަފާތު އެހެން މައްސަލަތަކުގެ ސަބަބުން ކަމަށާ، ކުރީގެ ތަޖުރިބާއަށް ބެލުމަށްފަހު ވީހާވެސް އަވަހަކަށް ކިޔެވުން ފަށަން މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަރުވާއެއް ހޯދިފައިނުވާ ކޯވިޑް-19 ބަލީގައި ރާއްޖޭގެ ހާލަތު ގޯސްވެއްޖެނަމަ، ރާއްޖޭގައި ތިބި ބިދޭސީ ޓީޗަރުން އެމީހުންގެ ޤައުމަށް ދާން ބޭނުންވެދާނެކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ދިވެހި ޓީޗަރުންގެ %83 އަކީ އަންހެނުން ކަމަށާއ އޭގެ ތެރެއިން ގިނަ މީހުން މަސައްކަތްކުރަނީ މާލޭގައި ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ހުރިހާ ދަރިވަރުންނާ ހަމައަށް ވާސިލްވުމަކީ ދަތިކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ވާޗުއަލްކޮށް ކިޔަވައިދިނުމުގެ ނިޒާމަކާއެކު އެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށާއި ނަމަވެސް އެއީ ރާއްޖޭގެ ސްކޫލު ސިސްޓަމަށް ވަރަށް އާ ކަމެއްކަން ފާހގަކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ ކިޔެވުމަށް ލޮޅުުން އަރާ ފަދަ ގޮތަކަށް ދެން ކުރިމަތިވާ ބަލިމަޑުކަމެއްގައި ނުވަތަ ކާރިސާއަކަށް މިހާރަށް ވުރެ ބޮޑަށް ތައްޔާރުވެ ގާބިލުކަން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. މި ބަލިމަޑުކަމުގައި މިހާތަނަށް ދަސްކުރި ކަންތައްތައް އެއްކޮށް އެންމެން ހިއްސާ ކުރާ ވަސީލަތްތައް އުފައްދަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި އެހެން ޤައުމުތަކުގެ މިނިސްޓަރުން ވެސް ވަނީ، ސްކޫލުތައް ބަންދުކޮށްފައި ހުރުމުން ދަރިވަރުންނަށް ކިޔަވައިދިނުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައިފައެވެ.