ޚަބަރު

ކޯވިޑް-19 : ކަރަންޓީނުކޮށްފައިވާ 5 ފިހާރެއް ޑިސްއިންފެކްޓްކޮށްފި


ކޯވިޑް-19އާ ގުޅިގެން ކަރަންޓީނުކޮށްފައިވާ 5 ފިހާރެއް ޑިސްއިންފެކްޓް ކުރުމަށްފަހު ޚިދުމަތްދެވޭ ޙާލަތަށް ގެނެސްފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ރޭގެ ވަގުތެއްގައި މި ތަންތަން ޑިސްއިންފެކްޓްކޮށް ނިންމާފައިވާކަމަށެވެ. އަދި މިހާތަނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއާ ގުޅިގެން 47 ތަނެއް ޑިސްއިންފެކްޓް ކޮށްފައިވާކަމަށެވެ.

މާލޭގައި ކޯވިޑް-19 މިހާރު ފެތުރެން ފަށާފައިވާއިރު ބައެއް ފިހާރަތަކުގައި މަސައްކަތް ކުރާ މީހުންނާއި ފިހާރަތަކަށް ދިޔަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މީގެ ސަބަބުން އެ ފިހާރަތަށް ވަނީ ބަންދުކޮށް ޑިސްއިންފެކްޓް ކޮށްފައެވެ. މިގޮތުން އެސްޓީއޯގެ ބައެއް ފިހާރަތަކާއި އިޙްސާން ފިހާރަވެސް ބަންދުކޮށް ވަނީ ޑިސްއިންފެކްޓްކޮށްފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 5 ފިހާރައެއް ވަނީ މޮނިޓަރިންގެ ޙާލަތުގައެވެ. އަދި މާލެއިން 286 ގެއެއް ނުވަތަ އެޕާޓްމަންޓްއެއްވެސް ވަނީ މޮނޮޓަރިންގެ ޙާލަތުގައެވެ.

ފުރަބަންދުގެ ޙާލާތުގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ ވަކި ޚާއްސަ ހުއްދައެއް ނަގަންޖެހެއެވެ. މިގޮތުން ފުލުހުން ކުރިން ދެމުން އައި ހުއްދަ ބާޠިލްކުރުމަށްފަހު މީހަރު ވަނީ އަލުން އެ ހުއްދައަށް އެދުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. މީގެ އިތުރުން ފުރަބަންދުގެ ޙާލަތުގައި މާލެ ސަރަޙައްދުން 300އަށްވުރެ ގިނަ ފިހާރަތަކުން، ގޭގެއަށް ޑެލިވަރީގެ ޚިދުމަތް އަންނަނީ ދެމުންނެވެ.