ޚަބަރު

ކުރިން ކޯވިޑް-19 ޖެހިފައި ހުރިތޯ ބެލުމަށް ޓެސްޓްކުރާ 1000 ކިޓް މެޑްޓެކްއިން އައިޖީއެމްއެޗަށް ހަދިޔާ ކޮށްފި


ކުރިން ކޯވިޑް-19 ޖެހިފައި ހުރިތޯ ބެލުމަށް އެންޓިބޮޑީ ޓެސްޓްކުރާ 1000 ކިޓް މެޑްޓެކް މޯލްޑިވްސް އިން އައިޖީއެމްއެޗަށް ހަދިޔާކޮށްފިއެވެ.

މެޑްޓެކުން ބުނީ އައިޖީއެމްއެޗަށް ހަދިޔާކުރީ އެމެެރިކާގެ އެންމެ ބޮޑު 500 ކުންފުނީގެ ތެރޭގައި ހިމެނޭ އެބޮޓުން އުފައްދާފައިވާ އެންމެ ފަހުގެ ޓެސްޓްކިޓް ކަމަށެވެ. މިއާއެކު އައިޖީއެމްއެޗުގެ ލެބޯރެޓްރީގައި ބަހައްޓާފައި ހުރި، އެބޮޓް އާކިޓެކްޓް ލެބޯރެޓްރީ އައި-ސިސްޓަމް ބޭނުންކޮށްގެން ކޮވިޑް-19 ދެނެގަތުމަށް ހަދާ އެންޓިބޮޑީ ޓެސްޓު މިހާރު ކުރެވޭނެއެވެ.

އައިޖީއެމްއެޗުގެ ލެބޯރެޓްރީގައި ހުރި ސިސްޓަމް ބޭނުންކޮށްގެން ގަޑިއަކު 100 އާއި 200 އާ ދެމެދުގެ އެންޓި-ބޮޑީ ޓެސްޓް ކުރެވޭނެ ކަމަށް މެޑްޓެކުން ބުނެއެވެ.

ޔުނިވަރސިޓީ އޮފް ވޮޝިންޓަންގެ ސްކޫލް އޮފް މެޑިސިންއިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި އެބޮޓް އިން ތައްޔާރުކޮށްފައިވާ އެންޓިބޮޑީ ޓެސްޓުގެ ސްޕެސިފިސިޓީ ރޭޓަކީ 99.9 ޕަސެންޓެވެ. އަދި އެ ޓެސްޓުތަކުގެ ސެންސިވިޓީ ރޭޓަކީ 100 ޕަސެންޓެވެ.

އެބޮޓްގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރު ކަމަށްވާ މެޑްޓެކުން ވަނީ އެންޓި-ބޮޑީ ޓެސްޓް ކިޓުގެ އިތުރުން، ބަލި މީހުންގެ ކްރިޓިކަލް ޓެސްޓްތައް އަވަހަށް ހެދުމަށް ބޭނުންކުރާ އެބޮޓް އައި-ސްޓެޓް ޕޮއިޓް އޮފް ކެއާ އެނަލައިޒާއެއް ވެސް އައިޖީއެމްއެޗަށް ހަދިޔާކޮށްފައެވެ.

މެޑްޓެކް އަކީ ރާއްޖެ އަށް ބޭނުންވާ ސިއްޙީ ސަމާނު އެތެރެކުރާ އެއް ކުންފުންޏެވެ. އެގޮތުން މިހާތަނަށްވެސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކުންފުނިން ވަނީ ސިއްޙީ ސާމާނު އެތެރެކޮށްފައެވެ. އަދި މިހާރު އެކުންފުނިން ދަނީ ރާއްޖެ ގެންނަ ބައެއް ވެންޓިލޭޓަރުތައް ގެނައުމަށްޓަކައި ސްރީލަންކަންގެ ހާއްސަ ފްލައިޓެއް ބޭއްވުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ގަވާއިދުގެ ތެރެއިން ގެންނަން ނިންމާފައިވާ 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާ ހަވާލުކުރީ 14 މިލިއަން ރުފިޔާއަށެވެ. އެއީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.