ކުޅިވަރު

އެފްއޭއެމްގެ ކޮންގްރެސް އަންނަމަހުގެ 5ވަނަ ދުވަހު


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކޮންގްރެސް އަންނަ މަހު ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ. އެފްއޭއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއިދާރާ މިހާރު ހިންގަމުން އަންނަ ނޯމަލައިޒޭޝަން ކޮމެޓީން މިދިޔަމަހު ބޭއްވި ބައްދަލުވުމުގައި ކޮންގްރެސް ބާއްވަން ނިންމަވާފައިވާކަމަށެވެ. އަދި ސެޕްޓަމްބަރު މަހުގެ ފަސްވަނަ ދުވަހަކީ ކޮންގްރެސް ބާއްވާނެ ތާރީޚްކަމަށް އެބައްދަލުވުމުން ނިންމަވާފައިވާކަމަށެވެ.މިދިޔައަހަރުގެ ސެޕްޓެމްބަރު މަހުވެސް އެފްއޭއެމްގެ ކޮންގްރެސް ބޭއްވުމަށް ނިންމިއެވެ. ނަމަވެސް ކޯރަމް ގެއްލި އެޖެންޑާ ފާސްނުވުމުން އެފަހަރު ކޮންގްރެސް ބޭއްވޭގޮތްވަނީ ނުވެފައެވެ. އެފްއޭއެމްގެ ކޮންގްރެސް ބޭއްވުމަށް ފީފާއިންވެސް ވަކި ތާރީޚްތަކެއް އަންގާފައިވަނިކޮށް ތާރިޚް ފަހަނައަޅައި ދިޔައިރުވެސް ކޮންގްރެސް ނުބޭއްވުމުން އޭރު އެފްއޭއެމްގެ ރައީސަކަށްހުރި އިލްޙާމް އަޙްމަދު ވަނީ މަޤާމުން ވަކޮކޮށްފައެވެ. ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން މިނިންމުން ނިންމަވާ އެކްސްކޯ އުވާލުމަށްފަހު ނޯމަލައިޒޭޝަން ކޮމެޓީއަކުން އެފްއޭއެމް ހިންގުމަށް ނިންމެވިއެވެ. އަދި އެކޮމެޓީގެ ރައީސަކަށް އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދު އައްޔަންކުރެއްވިއެވެ.ފީފާއިން އެނިންމެވުން ނިންމަވާ ނޯމަލައިޒޭޝަން ކޮމެޓީއަށް އެފްއޭއެމްގެ ހިންގުމުގެ ބާރުތައް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. އަދި މިހިނގާ ދެހާސް ފަނަރަނަވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތިރީސްވަނަ ދުވަހުގެ ކުރިން އެފްއޭއެމްގެ ކޮންގްރެސް ބޭއްވުމަށް ހުރިހާ އިންތިޒާމްތަކެއް ހަމަ ޖެއްސުމަށް އެކޮމެޓީއަށް ފީފާއިން އެންގިއެވެ.އޭގެފަހުން އެފްއޭއެމްގެ ހިންގުމަށާއި މުބާރާތްތަކަށާއި ފުޓްބޯޅަ ކުރިއެރުވުމަށް ނޯމަލައިޒޭޝަން ކޮމެޓީންވަނީ މިހާތަނަށް ނުގެންނަވަރުގެ ބޮޑެތި ބަދަލްތަކެއް ގެނެސްފައެވެ.