މާލޭގައި ތިބި އެކި ރަށްރަށުގެ މީހުންގެ ތެރެއިން އަނބުރާ ރަށަށް ނުދެވި ތިބި މީހުން ކަރަންޓީން ކުރުމަށް އިތުރު ތިން ރިސޯޓް ހަމަޖައްސާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ ހދ.ހޮނޑާފުއްޓާއި ،ފ.ފިލިތެޔޮ އަދި .މެދުފުށި ކަރންޓީން ފެސިލީޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން ހާމަކުރައްވާފައެވެ. އަދި ރަށްރަށު މީހުންގެ ތެރެއިން މާލޭގައި ރަށަށް ނުދެވި ތިބި މީހުން ކަރަންޓީން ކުރުމަކީ އަތޮޅޫތެރެއަށް މިބަލި ފެތުރުން ކުޑަކުރުމަށްޓަކައި އަޅާ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި މިއީ އުނދަގޫ ކަމަކަށްވިޔަސް މިކަމކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ މުހިއްމު ފިޔަވަޅެއްކަމަށާއި މިކަމުގައި ކެތްތެރިވުމަށް މިިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ކަރަންޓީން ކުރުމަށް އެކި ރަށްރަށުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ކޮންމެހެން ރަށްރަށަށް ފޮނުވަންޖެހޭ މީހުން މިހާރު ކަރަންޓީންކުރާނީ ސަރުކާރުން ހަމަޖައްސާ ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކުގައެވެ.
މި ރިސޯޓްތަކުގެ އިތުރަށް މީގެ ކުރިންވެސް ވަނީ 4 ރިސޯޓެއް ޓްރާންސިޓް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަމަޖައްސާފައެވެ. އެރިސޯޓުތަކަކީ އައްޑޫ ހެރަތެރެ އާއި ދ. އިރުވެލި ރިސޯޓާއި ޅ. ފުށިފަރު ރިސޯޓާއި ރ. ފުރަވެރި ރިސޯޓެވެ.
މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާން އެދުނު ފަރާތްތައް ރިވިއުކޮށް 1600 މީހުން ހިމެނޭ ލިސްޓެއް މިހާރު ވަނީ އެކުލަވާލާފައެވެ. މި މީހުން ކަރަންޓީން ކުރުމަށް އެއްހާސް މީހުން ކަރަންޓީންކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރިސޯޓްތަކުގައި 500 މީހުންގެ ޖާގަ އަދި ހުޅުމާލެ ގެސްޓްހައުސްތަކުގައި އިތުރު 500 ޖާގަ ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ނިންމާފައިވަނީ މާލޭގައި ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވުމުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކަށް މިި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައެވެ.
ރަށްރަށަށް ދާ މީހުންނަށް އެ ރަށްރަށަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީނަށް ފަހު ކޯވިޑް-19އަށް ޓެސްޓުކުރުމަށްފަހުއެވެ.