ޚަބަރު

އައްޑޫ ސިޓީ ގަމަށް 156 މިލިމީޓަރުގެ ވާރޭ ވެހުނު


ރާއްޖޭގެ އެކި ސަރޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އައްޑޫ ސިޓީއަށްކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރައިން ހާމަކުރައްވައިފިއެވެ.

އެ އިދާރާއިން ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހު ހުޅަނގު މޫސުން ފެށުމާގުޅިގެން އިއްޔެއާއި މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާކަމަށެވެ.

އެގޮތުން އައްޑޫ ސިޓީ ގަމަށް 156 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އައްޑޫ ސިޓީއަށް ބޯކޯށް ވާރޭވެހި އެ ސިޓީގެ ބައެއް ގެތަކަށްވެސް ވަނީ ގެއްލުން ވެފައެވެ. އެގޮތުން މި ވިއްސާރައިގައި އައްޑޫ ސިޓީގެ އެކި އަވަށްތަކުން ސަތޭކަ ފަންސާހަކަށް ގެއަށް ފެން ވަދެ ވަނީ އެކި ވަރުގެ ގެއްލުންތައް ވެފައެވެ. އަދި ފެންބޮޑުވެ ބައެއް ގެތަކުން ކަރަންޓުވެސް ވަނީ ކެނޑިފައެވެ.

މީގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަަށްތަކަށްވެސް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ .އެގޮތުން ގދ. ތިނަދުއަށް 87 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ކާޑެއްދޫއަށް 73 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި ފަރެސްމާތޮޑާއަށް 65 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާގޮތުން ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަތް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެއެވެ. މި ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ދެކުނާއި މެދު ރާއްޖެތެރޭގައި ވައި ގަދަވެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށްވެސް ލަފާކުރެވޭކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.