ޚަބަރު

ކޯވިޑް19: ހިންމަފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން، އައްސޭރި ޖަލާއި ބައެއް އާންމުންގެ ސާމްޕަލްތައްވެސް ނަގަންފަށައިފި


ހިންމަފުށީ ރިހެބުން ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އައްސޭރި ޖަލާއި އެރަށުގެ ބައެއް އާންމުންގެ ސާމަޕަލްތައް ނަގަން ފަށައިފިއެވެ.

އައްސޭރި ޖަލުގައި ސާމަޕަލް ނަގަންފަށާފައިވާއިރު، ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން އިއްޔެ 3 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށްވަނީ މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ހިންމަފުއްޓަށް އެޗްޕީއޭގެ ޓީމެއްގޮސް މިހާރުވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްވި ގިނަބައެއްގެ ސާމްޕަލްވެސް ނަގާފައެވެ. އެގޮތުން ޕޮޒިޓިވް ކޭސްތައް ފެނުނު ރިހެބިލިޓޭޝަން ސެންޓަރާއި، އައްސޭރިޖަލުން ނެގި ސާމްޕަލްތަކުގެ އިތުރުން އާންމުންގެ ތެރެއިން ރެންޑަމް ސާމްޕަލްވެސް ނަގާފައިވާކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ސިޓީގެ ބަލި ފެތުރެމުންދާއިރު މިބަލި މުޅި ރާއްޖެއަށް ފެތުރިދާނެކަމުގެ ބިރުއޮތުމުން މިބަލީގެ ނުރައްކާ އޮތްމިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގައި ޙާލަތު ދެނެގަތުމަށް ދިރާސާއެއްވެސް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ހިނަމަފުށިން ބަލި ފެނިފައިވަނީވެސް މިގޮތުން ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިންނެވެ.

ޖަލު ފަދަ ތަންތަނުންވެސް ރެންޑަމް ސާމްޕަލްތައް ނަގާފައިވާއިރު، މިހާރު ބަލިޖެހޭ މީހުންގެ ތެރޭގައި އޭސިމްޓޮމެޓިކް ނުވަތަ ބަލީގެ ނުރައްކާ ހުރި ބަޔެއްކަމަށް ނުދައްކާތީކަމަށް އެންއީއޯސީއިން ވިދާޅުވެއެވެ.

ރާއްޖޭގެ ޖަލުތަކުގައި ކޯވިޑް-19ގެ ބަލިމަޑުކަން އޮތްތޯ ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މީގެ ކުރިންވަނީ މާފުށީ ޖަލުން 38 ސާމްޕަލްނަގާފައެވެ. ނަމަވެސް އެހުރިހާ ސާމްޕަލްތަކުގެ ނަތީޖާވެސްވަނީ ނެގެޓިވެވެފައެވެ.