ވިޔަފާރި

ކާމިޔާބު ފިޔަވަޅުތަކާއެކު އެސްޓީއޯއަށް 114 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް


ޙަރަދުތައް ކުޑަކުރުމަށް އެޅި ކާމިޔާބު ފިޔަވަޅުތަކާއެކު އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 114 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އެކުންފުނުންޏަށް ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިސާގެ ގޮތުގައި 138 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށްވުރެ %51 އިތުރު އަދަދެކެވެ.

މާލީ ރިޕޯޓުގައިވާގޮތުން އެސްޓީއޯއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ.

ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ވިޔަފާރީގެ ހުރިހާ ސެގްމެންޓުތަކެއްވެސް ވަރަށް ކާމިޔާބުކަމާއެކު ވިޔަފާރިތައް ކުރިއަށް ގެންގޮސްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ފުރަތަމަ ކުއާޓަރުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ކުންފުނީގެ ރޭވުންތެރިކަމާއެކު ހިންގުން ހަރުދަނާކުރެވުނު ކަމަށް އެސްޓީއޯއިން ބުނެއެވެ.

ފުރަތަމަ ކުއާޓަރ ނިމުމާއި ހަމައަށް ދިޔައިރު، ކޯވިޑް-19 އާއި ގުޅިގެން ކުރިން ލަފާކޮށްފައިނުވާ ކަންތައްތަކާއި ކުރިމަތިލާން ޖެހުނުކަމަށާއި، އެގޮތުން އިޖްތިމާއީ އަދި އިޤްތިސާދީގޮތުން އަސަރުތައް ރާއްޖެއަށް ކުރަން ވަނީ ފަށާފައެވެ.

އެސްޓީއޯއިން ވަނީ މިދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެލާއި، ސިއްޙީ ސާމަނުތައް ގެނައުމަށް އިސްކަންދީފައެވެ. އެގޮތުން ރާއްޖެއަށް ގެންނަ ކާޑުގެ ބާވަތްތައް ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށަށް ފޮނުވުމުގައި އެކުންފުނީގެ މުވައްޒަފުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.