ޚަބަރު

ކޯވިޑް-19 : މާލެ އަންނަން ބޭނުންވި 2000 އަށް ވުރެ ގިނަ މީހުންނަށް ހުއްދަ ދީފި


ރަށްރަށުގައި ތބި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން މާލެ ނާދެވިފައި ތިބި 2000 އަށް ވުރެ ގިނަ މީހުންނަށް މާލެއައުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި މިދިޔަ އޭޕްރީލް މަހުގެ 24 އިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 2997 މީހަކަށް މާލެ އައުމުގެ ހުއްދަވަނީ ދޫކޮށްފައެވެ. ފުލުހުން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ވުމާއެކު މާލެއަށް ނާދެވި އަތޮޅުތަކުގައި ތިބި މީހުންނަށް މާލެ އައުމުގެ ހުއްދައަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ފަހަރަށް ފުލުހުންގެ ހުއްދައަށް އެދިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު 5 މީހެކެވެ. އަދި އެންމެ ގިނައިން ހުއްދައަށް އެދި ހުށައަޅާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެއީ 277 މީހުންނެވެ. އަދި މިމަހުގެ 4 ވަނަދުވަހު 173 މީހުން، މިމަހުގެ 3 ވަނަ ދުވަހު 123 މީހުން ވަނީ ހުއްދަ އަށް އެދި ހުށައަޅާފައެވެ. މީގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހު 112 މީހުން މާލެ އަންނަ ބޭނުންވެގެން ފުލުހުންގެ ހުއްދައަށް އެދި ހުށައަޅާފައިވާ ކަމަށްވެސް މިތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ހުއްދައަށް އެދި ހުށައެޅުމަށް ދެ ގޮތެއް ވަނީ ހަމަޖައްސާފައެވެ. އެދެގޮތުގެ ތެރެއިން މެއިލް މެދުވެރިކޮށް 1923 މީހަކު ހުއްދައަށް އެދިފައިވާއިރު ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް 1074 މީހުންވަނީ ހުއްދައަށް އެދިފައެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ލޮކްޑައުންއާ ގުޅިގެން މާލޭގައި ރަށައް ނުދެވި ތާށިވެފައި ތިބި މީހުންވެސް އެމީހުންގެ ރަށައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލޭގައި ތާށިވެފައިތިބި އެކި ރަށްރަށުގެ މީހުންގެ ތެރެއިން ފަސްހާހަށްވުރެ ގިނަ މީހުން ރަށްރަށަށް ދިއުމަށް އެދިފައިވާކަން މީގެ ކުރިން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މި ޙާލަތުގައި މާލެއިން އެއްވެސް ރަށަކަށް މީހަކު ފޮނުވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭތީވެ ރަށްރަށަށް މީހުން ފޮނުވާލުމުގައި ޚާއްޞަ އުސޫލެއްގެ ދަށުން އަމަލު ކުރުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާން އެދުނު ފަރާތްތައް އެކި ކައުންސިލްތަކާއި ގުޅިގެން ރިވިއުކޮށް 1600 މީހުން ހިމެނޭ ލިސްޓެއް ވަނީ އެކުލަވާލާފައެވެ. މި މީހުން ރަށައް ފޮނުވުމުގެ ކުރިން ސަރުކާރުން ހަމަޖއްސާފައިވާ ކަރަންޓީން ފެސިލިޓީގައި 14 ދުވަސް މަޑުކުރާނެއެވެ. އަދި އެއަށްފަހު ޓެސްޓް ހަދާ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ރަށަށް ފޮނުވުމަށް ދޫކޮށްލާނެއެވެ.