ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވަނިކޮށް ފިލި 3 ބިދޭސީންގެ ތެރެއިން އިތުރު މީހަކު ފެނިއްޖެއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރެޝަން ސެންޓރުގައި ބޭވި ނޫސްވެރިންގެ ބައްދަލުވުގައި އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޭސް ނަމްބަރު 594 ފެނިފައިވާކަމަށާއި މިހާރު ނުފެނި ވަނީ އެކަކުކަމަށެވެ.
އެހެންނަމަވެސް މިމީހާ ފެނިފައިވާ ތަނެއް އެސެންޓަރުން ހާމައެއް ނުކުރައްވައެވެ. މަބްރޫކް ވިދާޅުވީ ވިލިމާލެ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވި ދެ މީހުންނަކީ ފިލި މީހާއާ އެއްތަނެއްގައި ދިރިއުޅެމުން އައި ދެ މީހުންކަމަށެވެ. މިގޮތުން އެ ސެންޓަރުން ޕޮޒިޓިވްވެފައިވާ ކޭސް ނަންބަރު 1062 އާއި ކޭސް ނަންބަރު 1063އަކީ ބިދޭސީންނެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ 3 ބިދޭސީ ނެތް ކެތްކަން އެނގިފައިވަނީ މިމަހުގެ 6 ނުވަތަ 7 ވަނަދުވަހުކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައެވެ.
ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު ކޮންޓެއިންމަންޓް ސައިޓްތަކާއި ރެންޑަމް ސާމްޕަލްތައްވެސް ދަނީ ނަގަމުންނެވެ.
ސާމްޕަލްތައް ނަގާ ފަރާތްތަކުގެ ސާމްޕަލްތައް ނެގުމަށްފަހު އެފަރާތްތަކުގެ މައުލޫމާތުތައް ނަގަމުން އަންނަކަމަށާ، އެމީހެއްގެ ނަމާއި ގުޅޭނެ ނަމްބަރާއި އުޅޭ ތަނެއްގެ މައުލޫމާތުވެސް އެއްކުރެއެވެ. މިގޮތުން އޭރުނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވި 7 މީހަކަށް ގުޅޭނެގޮތެއް ނެތިގެން އެމީހުން ހޯދައިދިނުމަށް ފުލުހުނަށް އެޗްޕީއޭއިން ހުށަހެޅިއެވެ.
ކޯވިޑް-19އަށް ޕޮޒިޓީވްވާ މީހުން ފިލައި ނުފެނިއްޖެނަމަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަކުރާނެކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައެވެ. ރާއްޖެއިން މިހާތަނަށް 1143 މީހުން ކޯވިޑް-19 އަށް ޕޮޒިތީވް ވެފައިވާއިރު މީގެ ތެރެއިން 729 މީހުންނަކީ ބިދޭސީންނެވެ.