ވިޔަފާރި

ފަތުރުވެރިކަން ފެށުމަށް އެކުލަވާލި އުސޫލާ ބެހޭގޮތުން މަޝްވަރާކުރަން ފަށައިފި


ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލި އުސޫލާބެހޭ ގޮތުން ދާއިރާގެ އެކި ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާކުރަން ފަށައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިމަޝްވަރާތައް ކުރިޔަށް ގެންދަނީ ޒޫމް މެދުވެރިކޮށް ވާރޗުއަލްކޮށްކަމަށެވެ. މިމަޝްވަރާތަކުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާއި މިނިސްޓްރީގެ އެހެން އޮފިޝަލުން ބައިވެރިވެއެވެ.

މިނިސްޓްރީ އިން ބުނީ މިބައްދަލުވުންތަކުގައި މޯލްޑިވްސް އެސޯސިއޭޝަން އޮތް ޓުއަރިޒަމް އިންޑަސްޓްރީ، މަޓީ އާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެން ހުރިހާ ސްޓޭކްހޯލްޑަރުންނާ ބައްދަލުކޮށް އުސޫލާބެހޭ ގޮތުން ހިޔާލާއި ލަފާ ހޯދާނެކަަމަށެވެ. މީގެކުރިން ޓުއަރިޒަމް މިނިސްޓްރީއިން ވަނީ މި އުސޫލާ ގުޅޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮޮންޕެނީ ލިމިޑަޓް، އެމްއޭސީއެލް އަދި ހުރިހާ ޑޮމެސްޓިކް އެއަރލައިންތަކާއެކުވެސް ހިއްސާކޮށްފައެވެ.

މިނިސްޓްރީއިން ބުނީ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއިއެކު ބާއްވާ މި ބައްދަލުވުންތަކުގެ އިތުރުން ވަކިވަކިންވެސް އެކި ފަރާތްތަކާއެކު ބައްދަލުކޮށް އެފަރާތްތަކުން ފަތުރުވެރިކަން އަލުން ފެށުމަށް އެކުލަވާލާފައިވާ އުސޫލާއި ބެހޭ ގޮތުން އެފަރާތްތަކުން އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތުތައް ދޭނެކަމަށެވެ. އަދި މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސްޓޭކްހޯލްޑަރުންގެ ލަފާ ހޯދާނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ޓުއަރިޒަމް މިނިސްޓްރީން އުސޫލެއް ކަނޑައަޅާފައިވާއިރު މިކަންކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް މުޅި އިންޑަސްޓްރީގެ އެކި ލެވެލްގައި އެޅުމަށް ވަނީ ނިންމާފައެވެ.