ޚަބަރު

ޖޫން 15ގައި ފަތުރުވެރިކަމަށް ގްރީސް ހުޅުވާލަނީ


ޖޫން މަހު 15 ގައި ގްރީސް އަލުން ފަތުރުވެރިންނަށް ހުޅުވާލާނެކަމަށް އެޤައުމުގެ ބޮޑު ވަޒީރު ކިިރިއާކޯސް މިޓްސޮތާކިސް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޤައުމާ މުހާތަބު ކުރައްވަމުން ގްރީސްގެ ބޮޑުވަޒީރު ވިދާޅުވީ ކޯވިޑް-19ގެ ކޭސްތައް މަދު ޤައުމުތަކުން ގްރީސްއަށް ފަތުރުވެރިން އައުމުގެ ހުއްދަދޭން ނިންމާފައިވާކަމަށެވެ. އަދި ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގިނަ ފްލައިޓްތަކެއް އެޤައުމަށް އައުމުގެ ހުއްދަ ދޭނެއެވެ. ދެމަސް ދުވަހު ޤައުމު ބަންދުކޮށްފައި އޮތުމަށްފަހު ފަތުރުވެރިކަން އަލުން ފަށާނީ ބައިބަޔަށް ބަހައިގެން މަޑުމަޑުން އެކި ސަރަހައްދުތައްކަމަށް ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ގްރީސްގެ ބޮޑު ވަޒީރު ވިދާޅުވީ ކޯވިޑް-19 ކޭސްތައް ކޮންޓްރޯލްކުރުމަށް ކުރެވުނު ކާމިޔާބު މަސައްކަތަކީ ފަތުރުވެރިނަންނަށް ގްރީސްއަކީ ރައްކާތެރި މަންޒިލެއްކަން ޔަޤީންކޮށްދޭނެ ކަމެއްކަމަށެވެ.

ގްރީސްއިން އަލުން ފަތުރުވެރިކަމަށް ޤައުމު ހުޅުވާލާއިރު އަންނަ ހުރިހާ ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓުކޮށް އަދި ކަރަންޓީން ނުކުރާނެކަމަށް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ބޭނުންވާ ހާލަތުގައި ފަތުރުވެރިންގެ ސްޕޮޓް ޓެސްޓް ހެދޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެކަމަށް ވެސް ގްރީސްގެ ޓުއަރިޒަމް މިިިނިސްޓަރ ހާރިސް ތިއޮހާރިސް ވިދާޅުވިއެވެ. މީގެއިތުރުން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތްތައް ހަރުދަނާކޮށް، ކޮންމެ ވަގުތެއްގައިވެސް ހިދުމަތްދެވޭނެ މެޑިކަލް ސްޓާފުން ބައިތިއްބާނެއެވެ. އަދި އިންފެކްޝަނެއް ފެނިއްޖެ ހާލަތުގައި އަމަލުކުރާނެ ޕްލޭންތައް އެކުލަވާލެވި ތަންފީޒުކުރާނެކަމަށް ގްރީސްގެ ކަމާބެހޭ ފަރާތްތަކުން މައުލޫމަތުދެއެވެ.

ފަތުރުވެރިކަމަކީ ގްރީސްގެ އިޤްތިސާދުގެ އެންމެ ބޮޑުބައެއް އަދާކުރާ ދާއިރާއެވެ. މިގޮތުން އެޤައުމުގެ ޖީޑީޕީގެ 20 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމެވެ. އަދި ޤައުމުގެ ވަޒީފާގެ ބާޒާރުގެ އެންމެ ބޮޑު އެއް ބައެއް ހިއްސާ ކުރަނީވެސް ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ދާއިރާތަކުންނެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ގްރީސްއިން ވަނީ ގިނަ އިޤްތިސާދީ މައްސަލަތަކަކާއި ކުރިމަތި ލާފައެވެ. ކޯވިޑް-19ގެ ސަބަބުން މިމައްސަލަތައް މިވަނީ އިތުރަށް ގޯސްވެފައެވެ. އަދި ފަތުރުވެރިކަން އަވަހަށް ފަށަނީވެސް މިކަމަށް ހައްލެއް ހޯދާ އަލުން އިޤްތިސާދު އިޔާދަކުރުމަށްކަމަށް ބޮޑުވަޒީރު މިޓްސޮތާކިސް ވިދާޅުވިއެވެ.

ނަމަވެސް އިޤްތިސާދު ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާ ކުރާ ގޮތުގައި ކޯވިޑަަ-19 ގެ ކޭސްތައް ކޮންޓްރޯލްކުރުމުގައި ގްރީސްއިން ކާމިޔާބީ ހޯދިޔަސް މިކަމުގެ ސަބަބުން ޤައުމަށް ލިބޭ އިޤްތިސާދީ ގެއްލުންތައް ވަރަށް ބޮޑު ވާނެކަމަށެވެ. އަދި ގްރީސް ވާނީ ޔޫރަޕްގެ އިއްތިހާދުގައި ކޯވިޑް-19 ސަބަބުން އެންމެ ބޮޑު އަސަރެއް އިޤްތިސާދީ ގޮތުން ކުރާނެ ޤައުމަކަށް ކަމަށެވެ. މިކަމުގެ ރައްދުގައި ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެހެން ޔޫރަޕްގެ ޤައުމުތަކަށްވުރެއް އަވަހަށް ގްރީސް ފަތުރުވެރިކަމަށް ހުޅުވާލަނީވެސް އިޤްތިސާދީ ގޮތުން ލިބެނު ގެއްލުން ކުޑަކުރުމަށްކަމަށެވެ.

އިޤްތިސާދީ ގޮތުން ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް އެހީތެރިވުމުގެ ގޮތުންވެސް ގްރީސްގެ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.