ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ޑްރާފްޓް އުސޫލުގައި ހިމަނާފައިވާ ފީތައް ނުނެގުމަށް ނިންމައިިފިއެވެ.
ޓުއަރިޒަމް މިިނިސްޓްރީން މިނިންމުން ނިންމާފައިވަނީ "ގައިޑްލައިން ޓު ރީސްޓާޓް މޯލްޑިވްސް ޓުއަރިޒަމް" އަށް އިންޑަސްޓްރީގެ ކަމާބެހޭ ފަރާތްތަކުން ދިން ލަފާގެ މަތިންކަމަށް އެމިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީއިން އެކުލަވާލާފައިވާ ޓުއަރިޒަމް އަލުން ފެށުމާއި ބެހޭ އުސޫލަށް އިންޑަސްޓްރީ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދުމަށް ދަނީ އެފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަމުންނެވެ.
އެގޮތުން މޯލްޑިވްސް އެސޯސިއެޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ މަޓީ، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ އެމްއޭސީއެލް، މޯލްޑިވްސް ޗިވިލް އޭވިއޭޝަން އޮތޯރިޓީ އަދި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީއިން އަދި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީއާއި ބައްދަލުކޮށް އުސޫލަށް އެކިއެކި އިސްލާހު ގެނައުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމާބެހޭ އެކި އެޖެންސީތަކާއި، އެސޯސިއޭޝަންތައް ހިމެނޭހެންވެސް އުސޫލާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ބައްދަލުކޮށްފައެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން އިންޑަސްޓްރީ ސްޓޭކްހޯލްޑަރުން ދީފައިވަ އިރުޝާދާއި އެއްގޮތައް މިވަނީ އުސޫލުގެ ފުރަތަމަ ދެލިކޮޕީގައި ޓުއަރިސްޓުން އަތުން ނެގުމަށް ކަޑައަޅާފައިވާ 100 ޑޮލަރުގެ ވިސާ ފީ އަދި 100 ޑޮލަރު ކޯވިޑް-19 އަށް ޓެސްޓުކުރުމުގެ ފީ ކަޑާލަން ނިންމާފައެވެ. އަދި ޕްރައިވެޓް ޖެޓާއި، ޗާޓަޑް ފްލައިޓް ރާއްޖޭގައި ޖެއްސުމަށް ނަގާނެކަމަށް ކަޑައަޅާފައިވާ 50،000 ޑޮލަރުގެ ފީ ވެސް ނުނަގަން ނިންމާފައެވެ.
ޓުއަރިޒަމް މިިނިސްްޓްރީއިން ބުނީ މިއުސޫލު ފައިނަލް ކުރުމުގެ ކުރިން ދާއިރާގެ އެކި ފަރާތްތަކުގެ ލަފާގެ މައްޗަށް ބިނާކޮށް ގިނަ ބަދަލްތަކެއް އަންނާނެކަމަށެވެ. އަދި އިންޑަސްޓްރީ ސްޓޭކްހޯލްޑަރުންނަށް މި އުސޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް އެބައޮތް ކަމަށެވެ. މީގެއިތުރުން މިއުސޫލުގެ ފައިނަލް އެކުލަވާލާ ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރާނީ އިންޑަސްޓްރީގެ ފަރާތްތަކުގެ ހިޔާލު ހިމަނާ ބަދަލުތައް ގެނައުމަށް ފަހުކަމަށެވެ.
އަނެއްކޮޅުން "ގައިޑްލައިން ޓު ރީސްޓާޓް މޯލްޑިވްސް ޓުއަރިޒަމް" އުސޫލު އދ ގެ ފަތުރުވެރިކަމާބެހޭ އިދާރާ، ޔޫއެންޑަބްލިއުޓީއޯގެ ސެކެޓްރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލި އާއިވެސް ޓޫރިޒަމް މިނިސްޓަރ ރޭ ވަނީ ހިއްސާކުރައްވާފައެވެ. މިބައްދަލުވުން ކުރިޔަށްދިޔައީ ވާރޗުއަލްކޮށެވެ. މިބައްދަލުވުމުގައި މިއުސޫލާއި ބެހޭ ގޮތުން ދެބޭފުޅުން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ރާއްޖެއިން މިއުސޫލުގައި ހިމަނާފައިވާ ކަންތައްތައް ހާސިލްކުރުމަށް އެއްބާރުލުން ދޭނެކަމަށް ޔޫއެންޑަބްލިއުޓީއޯގެ ސެކެޓްރީ ޖެނެރަލް ވިދާޅުވެފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ކުރި ޓުއިޓެއްގައި ވެއެވެ.
ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލަކީ އަކީ ކޯވިޑް-19 ގެ ހާލަތުން ރާއްޖެ އާންމު ހާލަތައް އަންނަންދެން އަމަލުކުރަން އެކުލަވާލާ އުސޫލެކެވެ.