ޚަބަރު

ކޯވިޑް-19: އައްޑޫގައި އާންމު ވިޔަފާރިކުރުމަށް އަނެއްކާވެސް ލުއިތަކެއް


ކޯވިޑް-19އާ ގުޅިގެން އައްޑޫ ސިޓީގައި ވިޔަފާރިކުރެވޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލަށް ލުއިތަކެއް ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން، އާންމު ފިހާރަތައް ހުޅުވުމަށް މީގެ ކުރީން ހުއްދަ ދީފައިވަނީ، ހެނދުނު 8:00 އިން މެންދުރުފަހު 3:00އާ ހަމައަށެވެ. ނަމަވެސް މިހާރު ހެނދުނު 6:00 އިން އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ވަނީ ހުއްދަދީފައެވެ. މިނޫން ގަޑިތަކުގައި އެއަވަށެއްގެ ސޯޝަލް ސަޕޯޓު ޑެސްކުގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކުން، ޑެލިވަރީ ޙިދުމަތް ކުރިއަށް ގެންދެންވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މީގެ އިތުރުން މިގަޑި ތަކުގައި ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވުމުގެ ހުއްދަވެސް ސިޓީ ކައުންސިލުން ވަނީ ދީފައެވެ.

މީގެ އިތުރުން އައްޑޫގައި ކެއިން ބުއިމުގެ ޙިދުމަތް ދޭ ތަންތަނުން މީގެކުރިން ހަމައެކަނި ޑެލިވަރީގެ ޙިދުމަތް ދެމުން އައި ނަމަވެސް، މިހާރު ވަކި ގަޑިތަކެއްގައި ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. އެގޮތުން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝައްވާލްމަހުގެ 6 ރޯދަ ނިމެންދެން ކެފޭ ރެސްޓޯރެންޓުތައް އިރުއޮއްސި ހަޔަކުން ފެށިގެން، ރޭގަނޑު 10:00 ޖަހަންދެން ހުޅުވިފައި ހުންނާނެއެވެ. އަދި އެއަށް ފަހު ހެނދުނު 6:00 އިން ރޭގަނޑު 10:00 އާއި ހަމައަށް ހުޅުވިފައި ހުންނާނެއެވެ.

ސިޓީ ކައުންސިލުން ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލު ގެނެސްފައި މިވަނީ، ސަރުކާރުން ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށެވެ. އައްޑޫ ސިޓީ ކައުންސިލުން އާންމު ވިޔަފާރިއަށް ފުރުސަތު ހުޅުވާލި ނަމަވެސް، ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމާއި، ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުމުގެ އިތުރުން ފައިސާގެ މުޢާމަލާތްތައް ކުރާއިރު އޮންލަންއިކޮށް ކުރުމަށް އިސްކަން ދިނުމަށް ވަނީ އަންގާފައެވެ.