ޚަބަރު

އައްޑޫސިޓީގައި ފިތުރު ޒަކާތް ބެހީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް


އައްޑޫސިޓީގައި މިއަހަރުގެ ފިތުރު ޒަކާތަށްވާ މިންވަރު ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަހައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މިއަހަރުގެ ފިތުރު ޒަކާތުގެ ތަފާސް ހިސާބުތައް ޢާންމުކުރައްވައި ކުރެއްވި ޓްވީޓެއްގައިވަނީ މިއަހަރު ފިތުރު ޒަކާތް އައްޑުއިން ބާރަހާސް ހަތަރަސަތޭކަ ނުވަދިހަ ހަތަރު މީހުން ދައްކާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ ތިންލައްކަ ސާޅީސް ނުވަހާސް ހަތްދިހަނުވަ ރުފިޔާ ތިރީސް ހަތްލާރި، ފިތުރު ޒަކާތުގައި ލިބިފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.

އައްޑޫގައި ފަޤީރުންގެ ގޮތުގައި ޖުމްލަ އެއްހާސް އެއް ތިރީސް މީހަކު ރަޖިސްޓްރީ ވެފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ، ފިތުރުޒަކާތަށްވާ ފައިސާ ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓޓް ބޭންކިންގް މެދުވެރިކޮށް ޒަކާތުގެ ހައްޤުވެރިންނަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އައްޑޫގައި ބޮލަކަށް އެންމެ އެންމެ ގިނަ ފައިސާ ލިބިފައިވަނީ، މަރަދޫ ރައްޔިތުންނަށެވެ. އެގޮތުން މަރަދޫގެ 72 މީހަކަށް ފަސް ސަތޭކަ އަށްޑިހަ އަށެއް ޕޮއިންޓު ނުވައެއް ހަތަރެއް ރުފިޔާ ފިޠުރު ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ. އެއަވަށުން އެއް ހާސް ފަސް ސަތޭކަ ފަންސާސް ހަތަރު މީހަކު ފިތުރު ޒަކާތް ދައްކާފައިވެއެވެ.

އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ އާބާދީގެ ގޮތުންވެސް އެންމެ ބޮޑު ހިތަދޫ އަވަށުގައެވެ. ހިތަދޫގެ ހަ ހާސް ތިން ސަތޭކަ ސާޅީސް އަށް މީހަކު ފިތުރު ޒަކާތް ދެއްކިއިރު، ހިތަދޫގައި ފަސް ސަތޭކަ ސާޅީސް އެއް މީހަކު ފަޤީރުންގެ ގޮތުގައި ނަންނޯޓު ކޮށްފައިވެއެވެ. އެއިން ކޮންމެ މީހަކަށް ފިޠުރު ޒަކާތުގެ ގޮތުގައި ތިން ސަތޭކަ ތިރީސް ހަތް ރުފިޔާ ބޮލަކަށް ވަނީ ޖެހިފައެވެ.

ފަޤީރުންގެ ގޮތުގައި އެންމެ މަދުން ނަންނޯޓު ކޮށްފައިވަނީ މަރަދޫ ފޭދޫއިންނެވެ. އެއަވަށުގައި 62 މީހަކު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، އެއަވަށުގެ 840 މީހަކު ވަނީ ފިތުރު ޒަކާތް ދައްކާފައެވެ. އެއަވަށުން ބޮލަކަށް ޖެހުނީ، ތިން ސަތޭކަ ސާޅީސް އެކެއް ޕޮއިންޓު އެކެއް އަށެއް ރުފިޔާއެވެ.

ފޭދޫއިން ދެ ހާސް އެއް ސަތޭކަ އަށާރަ މީހުން ފިޠުރު ޒަކާތް ދެއްކިއެވެ. ފަޤީރުންގެ ގޮތުގައި ސަތޭކަ އެގާރަ މީހެއް ވަނީ ނަންނޯޓު ކޮށްފައެވެ. އެއަވަށުން ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހެނީ ފަސް ސަތޭކަ ފަސްދޮޅަސް އަށެއް ޕޮއިންޓު ހަތެއް ހައެއް ރުފިޔާއެވެ.

އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުދޫ އަދި މީދޫން ޖުމްލަ އެއް ހާސް ހަ ސަތޭކަ ތިރީސް ހަތަރު މީހުންވަނީ ފިޠުރު ޒަކާތް ދައްކާފައެވެ. އެދެއަވަށުން ދުއިސައްތަ ސާޅީސް ފަސް މީހަކު ފަޤީރުންގެ ގޮތތުގައި ނަންނޯޓު ކޮށްފައެވެ. ހުޅުދޫ އަވަށުން ޒަކާތުގެ ގޮތުގައި ސަތޭކަ ނުވައެއް ޕޮއިންޓު ސުމެއް އަށެއް ރުފިޔާ ޖެހުނެވެ. މީދޫ އަވަށުން، ދުއިސައްތަ ހަތާވީސް ޕޮއިންޓު ތިނެއް ހަތެއް ރުފިޔާވަނީ ބޮލަކަށް ޖެހިފައެވެ.

ރާއްޖޭގެ ބައެއް އެހެން ރައްތަކޭ އެއްފަދައިން މިފަހަރު ފިތުރު ޒަކާތް އައްޑޫސިޓީ ކައުންސިލުނންވެސް ބަލައިގަތީ އޮންލައިންކޮށެވެ.