ވިޔަފާރި

ފުރަތަމަ 3 މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 20 އިންސައްތަ ދަށަށް


މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 20 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ "މަންތްލީ ސްޓެޓިކްސްޓިކްސް"އިން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މާޗުމަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 383000 (ތިން ލައްކަ އަށްޑިހަ ތިންހާސް) ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 483000 (ހަތަރު ލައްކަ އަށްޑިހަ ތިން ހާސް) ފަތުރުވެރިންނާ އަޅާބަލާއިރު 20 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްތަކަށް ބަލާއިރު، ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 55.7 އިންސައްތަ ދަށްވެފައެވެ. އޮސްޓްރޭލިއާއިން ޒިޔާރްކުރި ފަތުރުވެރިންގެ އަދަދު 36.4 އިންސައްތަ ދަށްވެފައިވާއިރު، ޖަރުމަންވިލާތުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 24.3 އިންސައްތަ، ފްރާންސް 18 އިންސައްތަ އަދި އިޓަލީ ފަތުރުވެރިންގެ އަދަދު 15.6 އިންސައްތަ ވަނީ ދަށްވެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ކުއާޓަރުގައި ރާއްޖޭގައި 139 ރިސޯޓް އޮޕަރޭޓް ކުރަމުންދިޔައިރު، މިއަހަރު ފުރަތަމަ ކުއާޓަރު ނިމުނުއިރު މިއަދަދު ވަނީ 155 އަށް އިތުރުވެފައެވެ. ނަމަވެސް ރިސޯޓްތަކުގެ އޮކިއުޕަންސީ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަށްވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ރިސޯޓްތަކުގެ އޮކިއުޕަންސީ އުޅުނީ 75.4 އިންސައްތައިގައެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މިއަދަދު އުޅެނީ 58.6 އިންސައްތައިގައެވެ.

ފަތުރުވެރިން ޒިޔާރަތްކުރި އަދަދު މަދުވިއިރު، ފުރަތަމަ 3 މަހު ރާއްޖެއަށް އޮޕަރޭޓްކުރި ފްލައިޓްތަކުގެ އަދަދުވެސް ވަނީ 13 އިންސައްތަ މަދުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް 3821 އިންޓަރނޭޝަނަލް ފްލައިޓެއް އޮޕަރޭޓް ކުރިއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮޕަރޭޓްކޮށްފައި ވަނީ 3295 ފްލައިޓެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ގެނައުން ހުއްޓާލާފައިވާއިރު އަވަސް މުސްތަޤްބަލެއްގައި ފަތުރުވެރިކަން އަލުން ފެށުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއްކޮށް، ޕްލޭންތަކެއް ރާވަމުންނެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިކަން އަލުން ފެށުމަށް ސަރުކާރުން ވަނީ ޑްރާފްޓެއް މިހާރު ތައްޔާރުކޮށްފައެވެ.